200 މީޓަރު ދުވުމުން ސާއިދާއި ސަރީސް ސެމީ އަށް
200 މީޓަރު ދުވުމުން ސާއިދާއި ސަރީސް ސެމީ އަށް

އަޒަރުބައިޖާނުގެ ބަކޫގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދާއި ސަރީސް އަހުމަދު ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސާއިދު ސެމީން ޖާގަ ހޯދީ މިއަދު ހެނދުނު 200 މީޓަރު ހަތަރު ވަނަ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ. އޭނާ ރޭސް ނިންމީ 21:53 ސިކުންތުންނެވެ. ހީޓުގެ އެއް ވަނަ ހޯދީ 21:30 ސިކުންތުން ދުވި ތުރުކީގެ ސަފީރު އިއްޒަތެވެ. ދެ ވަނަ އަކީ 21:36 ސިކުންތުން ދުވި ސަރިނަމްގެ ވަނާން ޖެފްރީ އެވެ.

ސަރީސް ސެމީ ފައިނަލުން ފުރުސަތު ހޯދީ 200 މީޓަރުގެ ތިން ވަނަ ހީޓުގައި 22:95 ސިކުންތުން ދުވެ ހަތަރު ވަނަ ހޯދައިގެންނެވެ. މި ހީޓުގެ އެއް ވަނަ އަކީ 21:51 ސިކުންތުން ދުވި އަލްޖީރިއާގެ އަތުމަނީ ސިކަންދާ ޖަމީލެވެ. ދެ ވަނަ މަގާމް، 21:61 ސިކުންތުން ދުވި ގެމްބިއާގެ ޖަމޭހް އެޑަމާ ހޯދިއިރު ތިން ވަނަ އަކީ އަޒަރުބައިޖާނުގެ އައްބަސޯވް އާރިފެވެ. އޭނާގެ ޓައިމިން އަކީ 22:65 ސިކުންތެވެ.

ސާއިދު ވާދަކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:45 ގަ އެވެ. ސަރީސް ވާދަކުރާނީ ތިން ވަނަ ހީޓުގައި ރާއްޖެ ގަޑިން 6:57 ގަ އެވެ.

ފައިނަލުން އޮޓޮމެޓިކް ޖާގަ ލިބޭނީ ކޮންމެ ހީޓެއްގެ އެންމެ ބާރު ދެ ދުވުންތެރިންނަށެވެ. ބާކީ ދެ ޖާގަ ލިބޭނީ ތިން ހީޓުގައި ބާކީ ތިބި ދުވުންތެރިންގެ ތެރެއިން އެންމެ ދުވެލި ބާރު ދެ ދުވުންތެރިންނަށެވެ. ފައިނަލް އޮންނާނީ މާދަމާ އެވެ.

އިއްޔެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ސާއިދު ވާދަކޮށް ދިޔައީ ހަތަރު ވަނަ އަށެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުގައި ސަރީސް ވެސް ވާދަކުރި އެވެ. އެކަމަކު ސެމީން ފުރުސަތެއް ނުލިބެ އެވެ.

ސަރީސް އަކީ މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރުގެ ދެ ވަނަ އެވެ. ސާއިދުގެ ފަހަތުންން އޭނާ ދެ ވަނަ ހޯދީ ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ އަޒްނީމް އަހުމަދު (އައްޒަ) ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ހީޓުގައި ސާއިދަށް އެންމެ ބޮޑަށް ޗެލެންޖެއް ދިނީ ވެސް އައްޑުއަށް ނިސްބަތްވާ ސަރީސެވެ.