17 މެއި 2017 - 15:14

ނިއު ދިއްލީ (މެއި 17) - ދޮން ބައްޕަގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިން އިންޑިއާގެ ހަރިޔާނާ ސްޓޭޓުގެ 10 އަހަރުގެ ކުޑަކުއްޖާގެ އެބޯޝަން ހެދުމުގެ ހުއްދަ ޑޮކްޓަރުންގެ ޕެނަލަކުން ދީފި އެވެ.

ޕެނަލުގައި ހިމެނޭ ޑރ. އަޝޮކް ޗައުހާން ވިދާޅުވީ "މިހާރުން ފެށިގެން ކޮންމެ ވަގުތަކު ވެސް" ކުޑަ ކުއްޖާގެ ބަނޑުގައިވާ ދަރި ވައްޓާލެވިދާނެ ކަމަށެވެ.
ދިހަ އަހަރުގެ ކުއްޖާގެ ބަނޑަށް ފަސް މަސްވެއްޖެ އެވެ. އެ ކުއްޖާ ބަލިވެއިންކަން މިދިޔަ ހަފުތާގައި އެނގުނީ އެ ކުއްޖާގެ މަންމަ އަށް ޝައްކުވެގެން ޑޮކްޓަރަކަށް ދެއްކުމުންނެވެ. އެހެން ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ދޮން ބައްޕަ ޖިންސީ ގޯނާ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ދޮން ބައްޕަ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ދޮން ބައްޕަ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. އެހެން ކަމުން އަންހެން ކުއްޖާގެ ފަރާތުން ވަނީ ދަރިވައްޓާލުމާ މެދު ކޯޓުން ގޮތެއް ނިންމައި ދިނުމަށް އެދިފަ އެވެ.
މި މައްސަލާގައި ކޯޓުން އެދިފައި ވަނީ ހަރިޔާނާ ސްޓޭޓުގެ ރޮހްޓަކު ޓައުނުގެ ޕޯސްޓް-ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސްގެ ޑޮކްޓަރުންގެ ޓީމަކުން ލަފައެއް ދިނުމަށެވެ.
ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.
ނަމަވެސް ފަހަކަށް އައިސް ވަނީ ރޭޕްކޮށްގެން ބަލިވެ އިންނަ މީހުންގެ ފަރާތުން 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމުގެ ހުއްދަ އަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަންތައް ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވެސް ގޮތެއް ނިންމަނީ ޑޮކްޓަރުންގެ ޚާއްސަ ޓީމެއްގެ ލަފާގެ މަތިންނެވެ.
- ކޮންމެ 155 މިނިޓަކުން 16 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރޭ. ކޮންމެ 13 ގަޑިއިރަކުން 10 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރޭ.
- ދެހާސް ފަނަރަ ވަނަ އަހަރު ވަނީ 10،000 އަށް ވުރެ ގިނަ ކުދިން ރޭޕްކޮށްފައި.
- ސަރުކާރުގެ ސާވޭއެއްގައި ބައިވެރިވި ކުދިންގެ 53 ޕަސެންޓް ވަނީ އެ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެފައި.
- ޖިންސީ ގޯނާކޮށްފައިވާ ކުދިންގެ ތެރޭން 50 ޕަސެންޓަކީ އާއިލާގެ އިތުބާރު އޮންނަ ނުވަތަ އެހީތެރިވާ މީހެއްގެ ޝިކާރައަކަށްވެފައިވާ ކުދިން.