ރެކޯޑަށް އަމާޒުކޮށް ސިފައިންގެ ޓީމު ކޭއެލް މެރެތަނަށް
ރެކޯޑަށް އަމާޒުކޮށް ސިފައިންގެ ޓީމު ކޭއެލް މެރެތަނަށް

ނޭޕާލުގައި ވަރުގަދަ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ފަހު، ގައުމީ މެރެތަން ރެކޯޑް މުގުރާލުމަށް އަމާޒުކޮށް ދިވެހި ސިފައިންގެ ކްލަބުގެ ދުވުންތެރިންގެ ޓީމެއް މެލޭޝިއާގެ ސްޓެންޑަޑް ޗާޓަޑް ކޭއެލް މެރެތަންގައި ވާދަކުރުމަށް މިރޭ އެ ގައުމަށް ފުރާނެ އެވެ.

މި ޓީމުގައި ހިމެނެނީ ދާދި ފަހުން ހާފް މެރެތަން ރެކޯޑް މުގުރާލި ޝިފާޒް މުހައްމަދާއި މިހާތަނަށް 16 މެރެތަން ރޭސް ދުވެފައިވާ ނަސްރުﷲ އަހުމަދާއި ހާފް މެރެތަން ކުރީގެ ރެކޯޑް ހޯލްޑަރު އަހުމަދު ރިޒާ އަދި މުހައްމަދު ރަޝީދު (މޯޑް) އެވެ.

މީގެ ތެރެއިން ޝިފާޒް ދުވާނީ ހާފް މެރެތަން (21 ކިލޯމީޓަރު) އިވެންޓުގަ އެވެ. އޭނާގެ ޓާގެޓަކީ ހަތް ސިކުންތުގެ ފަރަގަކުން މިދިޔަ މަހު މުގުރާލި ރެކޯޑް އާކުރުމެވެ.

މެރެތަން (42 ކިލޯމީޓަރު) ދުވަނީ ނަސްރު އާއި މޯޑް އަދި ރިޒާ އެވެ. މި ބައިވެރިންގެ ޓާގެޓަކީ މެރެތަން ރެކޯޑް މުގުރާލުމެވެ. އެ ރެކޯޑް މިހާރު އޮތީ އަހުމަދު ޝަރަފުގެ އަތުގަ އެވެ.

ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް ޝަރަފް މުގުރާލީ މާޗު މަހު މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރެތަންގައި މި 2 ގަޑި 42:28 މިނެޓުން ރޭސް ނިންމައިގެންނެވެ.

މި ދުވުންތެރިން ވަނީ ނޭޕާލުގެ ގައުމީ ކޯޗުގެ ބެލުމުގެ ދަށުން ދެ މަހާއި 10 ދުވަހު ކަތުމަންޑޫގައި ތަމްރީން ހަދައިފަ އެވެ. އެ ފުރުސަތު ހޯދައިދިނީ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އާއި ދިވެހި ސިފައިންގެ ކްލަބުންނެވެ. މީގެ ތެރެއިން ޝިފާޒް ހާފް މެރެތަން ރެކޯޑް މުގުރާލީ ވެސް އެ ތަމްރީންތަކަށް ފަހު ލިބުނު ކުރިއެރުންތަކާ އެކު އެވެ.

މި ދުވުންތެރިންނާ އެކު އަމިއްލަ ދުވުންތެރިއެއް ކަމަށްވާ ފާތިމަތު ނިއުޝާ ދަތުރުގައި ބައިވެރިވެ 10 ކިލޯމީޓަރު ރޭހުގައި ދުވާނެ އެވެ.