19 ޖޫން 2016 - 17:31

ޕެރިޝެބްލް ފުޑްސް ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ހިފައިގެން އަންނަ ބޯޓު އެމްޕީއެލްގެ ބަނދަރުގައި އަޅާތާ އަށް ގަޑިއިރު ތެރޭގައި ހުސްކުރަން ނިންމައި އެއަށް އެ އިދާރާއިން އަމަލުކުރަން ފަށައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާ އެކު ރޭ މާލެ އައި ވީބީ. ޕްރޮގްރެސް ބޯޓު ވެސް އަށް ގަޑިއިރު ތެރޭގައި ހުސްކޮށް މިއަދު ހެނދުނު ވަނީ ފުރުވާލައިފަ އެވެ.

"އަޅުގަނޑުމެން އެ ބޯޓުން މުދާ ބާލަން ފެށީ ރޭ ދަންވަރު 12 ޖަހާކަންހާއިރު. މިއަދު ހެނދުނު އަށެއް ޖަހންވާއިރަށް މުދާ ހުސްކޮށް ނިންމައިފިން. މިއީ ވަަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ފިޔާ، އަލުވި އަދި ބިސް ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި، އަށް ގަޑިއިރު ތެރޭގައި ހުސްކުރުމަކީ އަމާޒަކށް ހެދީ، ޖުނައިދު ވިދާޅުވި ގޮތުގައި މި ރޯދަމަހަށް ގިނަ ބަޔަކަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ. އަދި މީގެ ނަތީޖާއަކީ ބާޒާރުގައި ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުން ކަަމަށް ޖުނައިދު ވިދާޅުވި އެވެ.
"ބޯޓު ހުސްކުރުމަށް ފަހު، ކޮންމެ ދުވަހަކު ހެނދުނު ޕެރިޝެބްލް ފުޑްސްގެ ބާވަތްތައް ނަގަން އެމްޕީއެލް އަށް އައުމުން ދޫކުރުމުގެ އިންތިޒާމު ވެސް އަޅުގަނޑު ވާނީ ހަމަޖައްސައިދީފައި. އެގޮތަށް ނިންމީ މިފަދަ ބާވަތްތައް އެތެރެކުރާ މީހުންގެ ޝަކުވާ އަށް ބެލުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް ފަދަ އަވަހަށް ހަލާކުވާ ޒާތުގެ ކާއެއްޗެހި ހިފައިގެން އަންނަ "ނިއުމަތު" ބޯޓު ވެސް މާދަމާ ރޭ އަންނާނެ ކަމަށެވެ. އެ ބޯޓު ވެސް އަށް ގަޑިއިރު ތެރޭގައި ހުސްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެރިޝެބްލް ފުޑްސް ހިފައިގެން އަންނަން ބޯޓުތައް ހުސްކޮށް ނިންމަން މީގެ ކުރިން 4-5 ދުވަސް ވެސް ނަގާ ކަމަށް ޖުނައިދު ވިދާޅުވި އެވެ. އޭގެ ސަބަބުން ކާބޯތަކެތި އަވަހަށް ހަލާކުވެ، އެތައް ތަކުލީފެއް އާންމުން އުފުލަންޖެހެ އެވެ.
"ޕެރިޝެބްލް ފުޑްސް އަވަހަށް ހުސްކުރަން ފެށިޔަސް، ކޮންޓެއިނަ ބޯޓުތައް ހުސްކުރުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި. އެކަން ވެސް ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރަން،" އޭނާ ވިދާޅުވި އެވެ.