ސަލްމާންގެ "ޓިއުބުލައިޓް"ގެ "ރޭޑިއޯ" ލަވަ ވަރަށް މަޖާ
ސަލްމާންގެ "ޓިއުބުލައިޓް"ގެ "ރޭޑިއޯ" ލަވަ ވަރަށް މަޖާ

އަންނަ ކުޑަ އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ އާ ފިލްމު "ޓިއުބުލައިޓް"ގެ ފުރަތަމަ ލަވަ "ރޭޑިއޯ" ރިލީޒްކޮށްފި އެވެ. މި ލަވަ ރިލީޒްކުރީ ޑުބާއީގައި ބޭއްވި ޚާއްސަ އިވެންޓެއްގައި ފިލްމުގެ ބަތަލު ސަލްމާން އާއި ޑައިރެކްޓަރު ކަބީރް ޚާން އެވެ.

މި ލަވަ އަށް "ރޭޑިއޯ ސޯންގް" ކިޔާފައި ވަނީ މިއީ އުފާވެރި ޚަބަރަކާ ގުޅިގެން އަންނަ ލަވައަކަށް ވާތީ ކަމަށް ސަލްމާން ބުންޏެވެ.

"ކޮއްކޮ ދުނިޔޭގައި ހުރި ކަމުގެ އުފާވެރި ޚަބަރު އަހަރެމެންނަށް ލިބެނީ ރޭޑިއޯ އިން. އެހެންވެ އެކަމުގައި އުފަލުގައި މި ލަވަ ކިޔާތީ ލަވަޔަށް ރޭޑިއޯގެ ނަން ދީފައިވަނީ،" ސަލްމާން ބުންޏެވެ.

ޑައިރެކްޓަރު ކަބީރް ބުނި ގޮތުގައި މި ފިލްމަކީ 1962 ގައި އިންޑިއާ އާއި ޗައިނާއިން ކުރި ހަނގުރާމައިގެ ދުވަސްވަރުގެ ފިލްމަކަށް ވާތީ ފިލްމުގައި ޚަބަރު އަޑުއަހަނީ ރޭޑިއޯ އިން ކަމަށެވެ. "ރޭޑިއޯ ސޯންގް" އަންނަނީ ހަނގުރާމަ ނިމުނުކަން އިއުލާން ކުރުމާ ވެސް ގުޅުވައިގެން ކަމަށް އޭނާ ބުންޏެވެ.

މި ލަވަ ރިލީޒްކުރިތާ އެންމެ ގަޑިއެއްގެ އިތު ތެރޭގައި 30،000 ފަހަރު މި ލަވަ ބަލައި 21،000 އަށް ވުރެ ގިނަ މީހުން "ލައިކް" ދީފައި އެވެ.

މިއުޒިކް ޑައިރެކްޓަރު ޕްރީތަމް ތައްޔާރުކޮށްފައިވާ މި ލަވައިގެ މެލޮޑީ ރީތިވުން ވެސް ގިނަބަޔަކަށް މި ލަވަ ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި މިއުޒިކް ޗާޓްތަކުގައި މި ލަވަ ރަސްކަން ކުރާނެކަން ވަނީ ޔަގީންވެފަ އެވެ.

މިހާރު ޓުވިޓާގައި "ރޭޑިއޯ" ޓްރެންޑް ވަމުން އަންނައިރު އެތައް ހާސް ޓުވީޓްތަކެއް އަންނަނީ ދައުރުވަމުންނެވެ. އަދި ޓުވީޓްކުރާ ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި މި ލަވަ ވަރަށް ރީއްޗެވެ. މި ލަވައިގައި ސަލްމާންގެ ނެށުމުގެ ހަރަކާތްތައް ވެސް ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފައިވެ އެވެ. އަދި މުޅި ލަވައިގައި ވެސް ސަލްމާން ދައްކާ މައުސޫމް އަދި ލޯބި ގޮތަށް ވެސް ތައުރީފުކުރާ މީހުން ގިނަ އެވެ.

ސަލްމާނާއި ކޮއްކޮ ސުހައިލް ޚާން އަދި ޗައިނާގެ ބަތަލާ ޒޫ ޒޫ މުހިއްމު ރޯލުތައް ކުޅެފައިވާ "ޓިއުބުލައިޓް"ގައި ހިމެނެނީ ތިން ލަވަ އެވެ.

ރޭމޯ ޑިސޫޒާ ކޯރިއޮގްރާފް ކޮށްފައިވާ މި ލަވައިގައި 1000 އަށް ވުރެ ގިނަ ނެށުންތެރިން ހިމެނޭ ކަމަށް ވަރަށް ފަހުން ރޭމޯ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "ޓިއުބުލައިޓް"ގައި ޝާހްރުކް ޚާން ވެސް ކުޑަ ރޯލެއް ކުޅެފައިވެ އެވެ.
ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.