ޖޯންއަށް ފައިސާ ދިނުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
ޖޯންއަށް ފައިސާ ދިނުމަށް ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެނިކޮށް ހުޅުމާލެ އިން ހައްޔަރުކޮށްފައިވާ އެމެރިކާ މީހެއް ކަމަށްވާ ޖޯން ޗާލްސް ސޭފަޓް ހުޅުމާލޭގައި ހިންގި ގެސްޓް ހައުސްގެ ވިޔަފާރީގެ އަނެއް ހިއްސާދާރަށް ދިން ފައިސާ ޖޯން އަށް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް އިއްޔެ ދަމަހައްޓައިފި އެވެ.

ޖޯން އަށް 42،000 ޑޮލަރު (ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ) ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރިޔަސް އެ ހުކުމުގައި ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު 39،500 ޑޮލަރަށް ހައި ކޯޓުން ވަނީ ދަށްކޮށްފަ އެވެ. އެއީ ޖޯން އެ މީހާ އަށް ދިން ފައިސާގެ ތެރެއިން އޭނާ ޖޯން އަށް އަނބުރާ ދީފައިވާ ފައިސާތަކެއް އުނިކުރުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އަބްދުލްހަސީބުގެ ނަމަކަށް ކިޔާ ހިއްސާދާރުގެ އެކައުންޓަށް ޖޯންގެ ފަރާތުން ޖަމާކުރި އެ ފައިސާއަކީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ އަނބުރާ ދައްކަންޖެހޭ ގޮތަށް ޖޯން ޖަމާކުރި ފައިސާއެއް ގޮތުގައި ބެލެވޭނެ އެވެ. އެ ފައިސާގެ ތެރެއިން ލިބުނު ކަމަށް ޖޯން ބުނާ ފައިސާ ފިޔަވައި އެހެން ފައިސާއެއް އަނބުރާ ރައްދުކުރިކަން ހަސީބުގެ ފަރާތުން ހުށަހެޅި ހެކިތަކުން އެނގެން ނެތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޖޯންގެ ވަކީލް ކުރިން ވިދާޅުވެފައިވާ ގޮތުން ޖޯންގެ ޕާސްޕޯޓް ބަޔަކު ވަގަށް ނެގުމުން ވެސް ޖޯން އޭނާގެ ގައުމަށް އެނބުރި ނުގޮސް ހުރީ އެ ފައިސާ ނުލިބެނީސް ނުދާން ވެގެންނެވެ.

މީގެ ކުރިން ވެސް ހައި ކޯޓުން ވަނީ ޖޯންއާ އެއްކޮޅަށް އެހެން މައްސަލައެއްގައި ހުކުމްކޮށްފަ އެވެ. އެހެން މީހަކަށް ފައިސާތަކެއް ދެއްކުމަށް ޖޯން މައްޗަށް ހުޅުމާލޭ ކޯޓުން ކޮށްފައިވާ ހުކުމެއް އޭރު ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ޖޯން ރާއްޖެއިން ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ނިންމާފައި އޮތަސް އަދި ޑީޕޯޓެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި ވެސް އެމެރިކާގެ އެމްބަސީގެ އޮފިޝަލުންތަކެއް ވަނީ ޖޯންއާ ބައްދަލުކޮށްފަ އެވެ.