18 މެއި 2017 - 07:07

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާގިނައިން ކެފެއިން ބޭނުންކުރުމުގެ ސަބަބުން އެމެރިކާގައި 16 އަހަރުގެ ކުއްޖަކު މަރުވި ހާދިސާއަށް ފަހު ކެފެއިންއާ މެދު ސަމާލުވުމަށް ޑޮކްޓަރުން އިންޒާރު ދޭން ފަށައިފި އެވެ.
އިންޑިއާނާގެ ޕޮއިޒަން ސެންޓަރުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑެނިއެލް ރުސީނިއަކް، ފޮކްސް އަށް ވިދާޅުވީ ކެފެއިންގެ ސަބަބުން މަރުވުމަކީ ނާދިރު ކަމެއް ނަމަވެސް ކެފެއިންގެ ސަބަބުން އެކި މައްސަލަތައް ދިމާވެ އިމަޖެންސީގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.
"ކެފެއިންގެ ސަބަބުން ބަނޑުގައި އެސިޑް އުފެދުން އިތުރުވޭ. އެކަމުގެ ސަބަބުން ބަނޑުގައި ރިއްސާނެ. އެހެން ވުމުން މެޔަށް އުނދަގޫވެ ހޮޑު ވެސް ލެވޭ. މިކަން ބޮޑުވުމުން ހިތުގެ ހިނގުން ވަރަށް ބޮޑަށް އަވަސްވޭ،" ޑރ. ރުސުނިޔަކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް މީހުންނަށް ކެފެއިންގެ ކުޑަ މިންވަރަކުން ބޮޑުވަރު ވާއިރު އަނެއް ބަޔަކަށް ގިނައިން ބޭނުންކުރިޔަސް މާބޮޑު ކަމެއް ނުވާ ކަމަށެވެ. އެހެންވެ ކޮންމެ މީހަކު ވެސް އެ މީހަކަށް ރައްކާތެރި މިންވަރަކީ ކޮބައިތޯ އަމިއްލައަށް ދެނެގަންނަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
ޑޮކްޓަރުން އިންޒާރު ދެއްވާ ގޮތުގައި ހޫނު ގަދަ ނަމަ ކެފެއިންގެ ސަބަބުން ހަށިގަނޑަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ކެފެއިން ހުންނަ ބުއިންތައް ހޫނު ދުވަސްވަރު މަދުކޮށް ވީހާވެސް ގިނައިން ބޯންޖެހޭނީ ފެން ކަމަށް ޑރ. ރުސުނިޔަކް ވިދާޅުވި އެވެ.
އެކި ބުއިންތަކުގައި ކެފެއިން ހުންނާނީ އެކި މިންވަރަށް ކަމަށް ވާއިރު ޑޮކްޓަރުން ލަފާ ދެއްވަނީ ދުވާލަކަށް 400 މިލިގްރާމަށް ވުރެ އިތުރަށް ބޭނުން ނުކުރުމަށެވެ. އެއީ ގާތްގަނޑަކަށް ހަތަރު ތަށި ކޮފީގައި ހުންނަ މިންވަރެވެ.