ސިޓީ ތިން ވަަނަ އަށް، އާސެނަލް އުއްމީދުގައި
ސިޓީ ތިން ވަަނަ އަށް، އާސެނަލް އުއްމީދުގައި

ލަންޑަން (މެއި 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޮމް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ އަށް ޖެހިލިއިރު، ސަންޑަލެންޑް އަތުން 2-0 އިން މޮޅުވެ އާސެނަލް ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފި އެވެ.

ރޭގެ މޮޅާ އެކު ސިޓީ ލީގުގެ ތިން ވަނަ އަށް ޖެހިލީ 37 މެޗުން 75 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 37 މެޗުން 73 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ފަސް ވަނައިގައި އާސެނަލް އޮތީ 37 މެޗުން 72 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަ ވަނައިގައި އޮތް ޔުނައިޓެޑަށް 36 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ.

ރޭގެ މެޗުގައި ވެސްޓް ބްރޮމް ކޮޅަށް ސިޓީގެ ލަނޑުތައް ކާމިޔާބުކުރީ ގަބްރިއެލް ޖީސަސް އާއި ކެވިން ޑިބްރޭނާ އަދި ޔާޔާ ޓޫރޭ އެވެ. ވެސްޓް ބްރޮމްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ހަލް ރޮބްސަން ކާނޫ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ޑިބްރޭނާ އަށެވެ.

މި މެޗަކީ ސިޓީގެ ޑިފެންޑަރު އުމުރުން 32 އަަހަރުގެ ޕަބްލޯ ޒަބަލޭޓާ އެ ޓީމަށް ކުޅެދިން ފަހު މެޗެވެ. މި ސީޒަނަށް ފަހު ސިޓީ ދޫކޮށްލަން ނިންމާފައިވާ ޒަބަލޭޓާ އެ ޓީމަށް ސޮއިކުރީ 2008 ވަނަ އަހަރު އެސްޕަންޔޯލް އިންނެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަމިއްލަ ބާރުގައި ލީގުގެ ތިން ވަނައިގައި ނިންމާލުމުގެ ފުރުސަތު އޮތުމުން އޭގެ ބޭނުން ހިފާނެ ކަމަށެވެ.

"އަމިއްލަ ބާރުގައި ތިން ވަނައިގައި އޮވެ ނިންމާލައިފިނަމަ އެބައޮތް ހިތްހަމަ ޖެހުމެއް. އެއީ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލަށް ވުރެން ކުރީގައި އޮވެ ލީގު ނިންމާލެވުމުގެ ހިތްހަމަ ޖެހުން،" ގާޑިއޯލާ ބުންޏެވެ.

ރެެލިގޭޓްވެފައިވާ ސަންޑަލެންޑާ ދެކޮޅަށް ރޭ އާސެނަލުން ވަނީ 36 ހަމަލާއެއް ފޮނުވާލައިފަ އެވެ. މިއީ 2003 ވަނަ އަހަރަށް ފަހު އާސެނަލުން ލީގު މެޗެއްގައި އެންމެ ގިނަ ހަމަލާ ފޮނުވާލި މެޗެވެ. މި މެޗުގައި އާސެނަލްގެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އަލެކްސިސް ސަންޗޭޒް އެވެ. މި ލަނޑުތަކާ އެކު ސަންޗޭޒް ލީގުގައި ވަނީ 23 ލަނޑު ހަމަކޮށްފަ އެވެ.