16 މެއި 2017 - 22:40

މޯލްޑިވް ގޭސް އިން 10 ކިލޯގެ ފުޅިއެއް ވިއްކާ އަގު، ފުޅިއަކުން 25 ރުފިޔާ ހެޔޮކުރަން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެެކްޓަރު އަބްދުﷲ މައުމޫން މިރޭ ވިދާޅުވީ އެއީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ނިންމި ނިންމުމެއް ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން ހަ ރޯދައިގެ އެންމެ ފަހު ދުވަހާ ހަމައަށް، 10 ކިލޯގެ ގޭސް ފުޅިއަކުން 25 ރުފިޔާ ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.
މިހާރު 200ރ. އަށް ވިއްކާ ގޭސް ފުޅި، މާދަމާއިން ފެށިގެން 175ރ. އަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭހުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ވެސް، މާދަމާއިން ފެށިގެން 25 ރުފިޔާ ހެޔޮކޮށް ގޭސް ވިއްކަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރަށްރަށަށް ގޭސްފުޅި ގެންދަން ނާލު ނަގާތީ، މާލޭގައި ވިއްކާ އަގާ އެއްވަރަށް އެ ކުންފުނީގެ އޭޖެންޓުންނަށް ގޭސް ވިއްކަން ދަތިތަކާ ދިމާވާ ކަމަށެވެ. އެހެން ނަމަވެސް 25ރ. ހެޔޮކޮށް ގޭސް ވިއްކައި އޭގެ ބިލް މޯލްޑިވް ގޭހަށް ފޮނުވުމުން، އެ މަދުކުރި ފައިސާ އަނބުރާ ދޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ގޭސް ވިއްކައި އޭގެ ބިލް އަޅުގަނޑުމެންނަށް ފޮނުވާށޭ، އޭރުން އެ ހެޔޮކުރި ފައިސާ އަޅުގަނޑުމެން ޖަމާކޮށްދޭނަން. އެކަމަކު އެ ބިލަކީ ޖީއެސްޓީ ހިމަނާފައިވާ ބިލަކަށް ވާންޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މޯލްޑިވް ގޭހުން ވަނީ ގޭސް ފުޅި ވިއްކާ އަގު ހެޔޮކޮށްފަ އެވެ.