20 ޖޫން 2016 - 08:06

ކުރިން 2018 ގައި ރިލީޒް ކުރަން ތާވަލް ކުރި އެނިމޭޓެޑް ފިލްމް "ލެގޯ މޫވީ 2" ރިލީޒް ކުރުން 2019 އަށް ފަސްކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ ވާނާ ބްރަދާސް އިން އެ ފިލްމް ސިނަމާތަކަށް ގެންނާނީ މެއި 18، 2018 ގަ އެވެ.
ފިލްމު އެހާ ބޮޑަށް ލަސްކޮށްލުމަކީ ލެގޯ މޫވީގެ އިންތިޒާރުގައި ތިބި މީހުންނަށް ލިބިގެން ދާނެ މާޔޫސް ކަމެކެވެ. އެ ފިލްމް ރިލީޒް ކުރަން މިހާރު ނިންމާފައި ވަނީ ފެބްރުއަރީ 8، 2019 ގަ އެވެ.
"ލެގޯ މޫވީ 2" އަކީ 2014 ވަނަ އަހަރު ގެނެސް ދިން "ލެގޯ މޫވީ" ގެ ދެވަނަ ބައެވެ. އެ ފިލްމް ވަނީ ބޮކްސް އޮފީހުގައި 470 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.
"ލެގޯ މޫވީ 2" ފަސް ކުރަން ޖެހުނީ އެހެން ބައެއް ފިލްމްތައް ރިލީޒް ކުރާ ތާރީހުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ.
އެގޮތުން އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ޖެރަޑް ބަޓްލާގެ "ޖިއޯސްޓޯމް" އާއި ބެން އެފްލެކްގެ "ލިވް ބައި ނައިޓް" ރިލީޒް ކުރާ ތާރީހުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.