16 މެއި 2017 - 20:56

ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާނެ ކަމަށާއި އެކަމަކު މި އަހަރުގެ ހުޅަނގު މޫސުން ފޯކާސްޓް ކުރެވެނީ އާދައިގެ މޫސުމެއްގެ ގޮތުގައި ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މި އަހަރުގެ ހުޅަނގު މޫސުން މިއަދު ފެށުމާ ގުޅިގެން މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ހުޅަނގު މޫސުމަކީ މޫސުމީ ގޮތުން އާދައިގެ ހުޅަނގު މޫސުމެއް ކަމަށެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަކުރީ މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަމަށާއި އެންމެ ވައި ގަދަވީ ވެސް އައްޑޫ އަށް 39 މޭލު ބާރުމިނުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އާންމުކޮށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވާން އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
ރާއްޖެ އަށް ހުޅަނގު މޫސުން އާންމުކޮށް ފެށެނީ މެއި މަހުގެ މެދު ތެރޭގަ އެވެ.