ސޮލިޑާރިޓީ ގޭމްސް: ސާއިދު ފައިނަލަށް ދަތުރުކޮށްފި
ސޮލިޑާރިޓީ ގޭމްސް: ސާއިދު ފައިނަލަށް ދަތުރުކޮށްފި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަޒަރުބައިޖާނުގެ ބަކޫގައި ކުރިއަށްދާ ގޭމްސްގެ 100 މީޓަރު ދުވުމުން އޭނާ ފައިނަލަށް ދިޔައީ ތިން ހީޓުގެ ތިން ވަނަ އަށް ދިޔަ ދުވުންތެރިންގެ ތެރެއިން އެންމެ ދުވެލި ބާރު ދެ ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ކޮންމެ ހީޓަކުން ފައިނަލުގެ އޮޓޮމެޓިކް ދެ ޖާގަ ލިބޭނީ އެންމެ ބާރު ދެ ދުވުންތެރިންނަށެވެ.

ސާއިދު ދުވި ދެ ވަނަ ހީޓުގެ ތިން ވަނަ މަގާމް ހޯދީ އޭނާ ހޯދީ 10:40 ސިކުންތުން ދުވެގެންނެވެ. ފައިނަލް އޮންނާނީ ރާއްޖެ ގަޑިން މިރޭ 8:25 ގަ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ ސަރީސް އަހުމަދު ވާދަކުރި ނަމަވެސް ސެމީ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. ހީޓުގެ ހަތް ވަނަ އަށް އޭނާ ދިޔައިރު ރޭސް ނިންމާފައިވަނީ 11:28 ސިކުންތުންނެވެ. ސާއިދު ސެމީ ފައިނަލުން ފުރުސަތު ހޯދީ ފުރަތަމަ ބުރުގައި ދުވި ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.

ޓައިވާނުގައި މިދިޔަ މަހު ބޭއްވި އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައި ރާއްޖެ އަށް އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިދިން ސާއިދު ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ރާއްޖެ އަށް ހޯދައިދީފަ އެވެ. ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ރޭހާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ސާއިދުގެ ވަނީ މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި، އެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާއަށް އަށް ވެސް ވެފަ އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރަންސުގެ މެމްބަރު ގައުމުތަކުގެ މެދުގައި އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަނުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޭމްސް އެކެވެ. މި ގޭމްސްގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި މިސްރު، އީރާން، އިންޑޮނީޝިއާ، މެލޭޝިއާ، ސައުރީ އަރަބިއާ، ތުރުކީ އަދި މޮރޮކޯ ހިމެނެ އެވެ.

މި ގޭމްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2005 ވަނަ އަހަރު މައްކާގަ އެވެ. އޭގެ ފަހުން އީރާނުގެ ތެހެރާނާއި އިންޑޯނީޝިއާގެ ޕަލެމްބާގުގައި ވެސް ވަނީ ބާއްވައިފަ އެވެ.