19 ޖޫން 2016 - 15:38

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ރޯދަ އަށް ހާއްސަ ކޮށްގެން ގެންނަ އަލުވީގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ކުރިން 250ރ. އަށް ވިއްކި އަލުވި ބަސްތާއެއް މިހާރު ވިއްކަނީ 210.ރ އަށެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ރޯދަ އަށް ހާއްސަކޮށް ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ތިން ވަނަ ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. މި ޝިޕްމަންޓް ވެސް އެސްޓީއޯގެ ހަ ނަމްބަރު ކޮށިން ހޯލްސޭލްކޮށް އަދި ސުޕަމާޓުން ރީޓެއިލްކޮށް ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ފިޔާ ބަސްތާއެއް ވިއްކަނީ 160ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 275ރ. އަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މި ބާވަތްތައް މުޅި ރޯދަ މަހު ހުސްނުވާނެހެން އާންމުންނަށް ފޯރުކޮށްދިނުމަށް ކޮންމެ 15 ދުވަހަކުން އާ ޝިޕްމަންޓެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލޭން މި ބާވަތްތައް ލިބެން ހުންނަ އަގުގައި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ 13 ފިހާރައިން ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.