އެމްއެޗް370 އާ ގުޅޭ ޚާއްސަ ބައްދަލުވުމެއް ބާއްވަނީ
އެމްއެޗް370 އާ ގުޅޭ ޚާއްސަ ބައްދަލުވުމެއް ބާއްވަނީ

ކުއާލަ ލަމްޕޫރު (ޖޫން 19) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގައި ދެން ކުރިއަށް ދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މެލޭޝިއާ އާއި އޮސްޓްރޭލިއާ އަދި ޗައިނާ ގުޅިގެން މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ޚާއްސަ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރަސްމީ ނޫސް އެޖެންސީ ބަރުނަމާ އިން ބުނީ ބައްދަލުވުމުގެ ބޭނުމަކީ އެމްއެޗް370 ހޯދުމުގައި ދެން ކުރިއަށް ދާނެ ގޮތަކާ ބެހޭ ގޮތުން މަަޝްވަރާ ކުރުމެވެ. ބޯޓު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.

ތިން ގައުމުން ކުރިން ބުނެފައި ވަނީ ބޯޓު ހޯދުމަށް ކުރިން ކަނޑައެޅި ސަރަހައްދު ބަލާ ނިމޭ އިރު ބޯޓާ ގުޅޭ އެއްވެސް އެއްޗެއް ނުފެނިއްޖެ ނަމަ ބޯއިން 777 ގެ ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލާނެ ކަމަށެވެ. ބޯޓު ހޯދަން ކަނޑު އަޑި ބަލަން ކަނޑައެޅި 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުގެ ތެރޭނ މިހާތަނަށް ވަނީ 105،000 އަކ ކިލޯ މީޓަރު (40،500 އަކަ މޭލު) ގެ ސަރަހައްދެއް ބަލައިފަ އެވެ.

ބޯޓު ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އޮސްޓްރޭލިއާ އިން ބުނީ ކަނޑު އަޑި ބަލަން ކަނޑައެޅި ސަރަހައްދު އޮގަސްޓް މަހަށް ނިންމާލާ ގޮތަށް ހަމަޖެއްސި ނަމަވެސް ދާދި ފަހުން މޫސުން ގޯސްވެގެން މަސައްކަތް މެދުކަނޑާލަން ޖެހުމުން އެ ތާރީޚުގެ ފަހުން ވެސް މަސައްކަތް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށެވެ.

އެމްއެޗް370 ގެއްލުނީ ކުއާލަ ލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދަތުރު ކުރަނިކޮށް މާޗް 8، 2014 ގަ އެވެ. އެ ބޯޓުން 239 މީހުން ދަތުރުކުރި އެވެ. އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތަކެއް ދާދި ފަހުން ވަނީ އެކި ގައުމުތަކުން ފެނިފަ އެވެ. އެހެން ކަމުން ތަޖްރިބާކާރުން ލަފާކޮށްފައި ވަނީ އެ ބޯޓު އިންޑިއާ ކަނޑަށް ވެއްޓިފައިވާނެ ކަމަށެވެ. --އޭއެފްޕީ