16 މެއި 2017 - 16:06

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ފޮޓޯތައް އާންމު ކުރީ ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށް ބުނެ ރާއްޖެއެމްވީން މިއަދު މާފަށް އެދިއްޖެ އެވެ.
ޔާމީން ރަޝީދު ވަރަށް ރަހުމް ކުޑަގޮތަކަށް މަރާލާފައި ވަނިކޮށް، ލެޔާ އެކު އެ ޒަހަމްތައް ދައްކައިދޭ ފޮޓޯއެއް ރާއްޖެއެމްވީން އާންމުކުރީ ރެ އެވެ. މިއީ، އެ ނޫހުން ބުނި ގޮތުގައި އާންމުވެފައިވާ ފޮޓޯއެކެވެ.
"(އެ ފޮޓޯ ޝާއިއުކުރީ) ރާއްޖޭގައި ރަހުމް ކުޑަ އަމަލުތައް ހިންގުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މިންވަރާއި މި ގައުމުގައި އަނިޔާވެރިކަން ބޮޑުވެފައިވާ މިންވަރާއި މުޖުތަމައު އޮތް ބިރުވެރި ހާލަތު ގެނެސްދިނުމުގެ ބޭނުމުގަ އެވެ،" އެ ނޫހުން ނެރުނު ބަޔާނުގައި ވެ އެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ފޮޓޯއަކީ އެތައް ބައެއްގެ އަތަށް އަރައި ދައުރުވެފައިވާ ފޮޓޯއެކެވެ. އަދި އެ ފޮޓޯ ނޫހުގައި ޝާއިއުކުރުމާ އެކު ސޯޝަލް މީޑިއާގައި ކިޔަމުން އަންނަ ފާޑު ކިޔުންތައް ބަލައިގަންނަ ކަމަށާއި އެހެން ނަމަވެސް، ޔާމީން ރަޝީދުގެ މަރު ކުށްވެރި ނުކުރާ އެތައް ބަޔަކު އެ ފޮޓޯ ޝާއިއުކުރުމުން އެކަން ކުށްވެރި ކުރީ ހެޔޮ ނިޔަތެއްގައި ކަން ނޫން ކަމަށެވެ. ހަމަ އެހެންމެ، މި މައްސަލާގައި އެ ނޫހުގެ މުވައްޒަފުންނަށް އިންޒާރު ދޭތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ރާއްޖެއެމްވީން ބުނީ އެ ފޮޓޯ ޖެހުމުގެ ނިޔަތަކީ ޔާމީންގެ މަރަށް އިންސާފު ހޯދުން އަވަސްކުރުމުގެ ނިޔަތް ކަމަށާއި އެހެން މަގުސަދެއް ނެތް ކަމަށެވެ. އެކަމަކު އެ ފޮޓޯގެ ސަބަބުން ޔާމީންގެ އާއިލާ އަށް ހިތްދަތި އިހުސާސްތަކެއް ކުރެވިފައިިވާތީ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އަދި އެ ފޮޓޯ ނޫހުން ނަގައިދޭން އާއިލާއިން އެދުމުން އެކަން ވަގުތުން ކޮށްދީފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން "އަނގައިން ބުނީ" ރާއްޖެ ޓީީވީން ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށާއި ޔާމީންގެ މަރަށް އިންސާފު ލިބެން ދެން މި މަރުގެ ވާހަކަ "މަރުވިޔަ ނުދީ" ހިފަހައްޓާނެ ކަމަށެވެ.