ތަރައްގީ އަކީ ގަދަބާރުން ގެނެވޭ އެއްޗެއް ނޫން: ނަޝީދު
ތަރައްގީ އަކީ ގަދަބާރުން ގެނެވޭ އެއްޗެއް ނޫން: ނަޝީދު

ތަރައްގީ އަކީ ލޯކަލް ކައުންސިލްތަކާ އިދިކޮޅަށް، ގަދަބާރުން ގެނެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި ބައެއް ދާއިރާތަކުގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީން ނެގިޔަސް، ތަރައްގީ އަށް ހުރަސް އަޅަން އެއްވެސް ކައުންސިލަރަކު މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވެފައި ވާތީ އެއަށް ރައްދު ދެއްވައި، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތަރައްގީ އަކީ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލް ތަކާ އިދިކޮޅަށް، ގަދަބާރުން ކުރެވޭ ކަމެއް ނޫން" ކަމަށެވެ.

ލޯކަލް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ފުރަތަމަ ފަހަރަށް އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީގެ ކައުންސިލަރުން އެހީވިޔަސް، ނުވިޔަސް ރާއްޖޭގެ ތަރައްގީ ސަރުކާރުން ބޭނުންވާ ހިސާބުތަކަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން އުފެދުނު އެމްޑީޕީގެ ކައުންސިލްތަކުން ސަރުކާރުގެ އެކިއެކި މަޝްރޫއުތަކަށް ދަތިކޮށްފައިވާ ކަމަށް ވިދާޅުވެ، އޭގެ ތެރެއިން ބައެއް ކަންކަން ވެސް އެމްޑީއޭގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.