މިއުޒިކް ޑައިރެކްޓަރު ޕްރީތަމް "ރާބްތާ" ދޫކޮށްލައިފި
މިއުޒިކް ޑައިރެކްޓަރު ޕްރީތަމް "ރާބްތާ" ދޫކޮށްލައިފި

"ރާބްތާ"ގެ މަޝްހޫރުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. މީގެ އެއް ސަބަބަކީ ފިލްމުގައި ލީޑް ރޯލު ކުޅޭ ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަންގެ ކެމިސްޓްރީ އެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދިނުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައި ވަނީ މިއުޒިކް ޑައިރެކްޓަރު ޕްރީތަމް އެވެ.

ނަމަވެސް ޕްރީތަމް އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ގޮތުގައި ފިލްމުން ވަކިވާން އޭނާ ވަނީ ނިންމާފަ އެވެ.

އޭނާ ބުނި ގޮތުގައި އޭނާ މީގެ ފަހުން މަސައްކަތްކުރާނީ ހަމައެކަނި އޭނާގެ އާ ލަވަތައް ހިމެނޭ އަލްބަމްތަކުގަ އެވެ. "ރާބްތާ"ގެ އަލްބަމާ އޭނާ ހިތްހަމަ ނުޖެހުނީ ފިލްމުގައި ކުރީގެ ލަވައެއް އަލުން ބޭނުންކޮށްފައި ވާތީ އެވެ. އެއީ ދީޕިކާ ޕަދުކޯން ކުޅެފައިވާ "ރާބްތާ" ލަވަ އެވެ.

އެ ލަވައަކީ 2012 ގައި "އޭޖެންޓް ވިނޯދް" އަށް ޕްރީތަމް ތައްޔާރުކުރި ލަވައެކެވެ. ނަމަވެސް އޭނާގެ އަމިއްލަ ލަވައެއް ނަމަވެސް އަލުން އެކި އެކި ބަނޑިބަނޑި ލައްވައިގެން އުފައްދައި އޭނާގެ އަލްބަމެއްގައި ހިމެނުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

"ފިލްމުގެ ޕްރޮމޯޝަން ލަވައެއްގެ ގޮތުގައި ނަމަވެސް އަހަރެން އުފައްދާފައިވާ އާ ލަވައެއް ނޫނީ އަހަރެންގެ ނަމުގައި ނެރޭ އަލްބަމެއްގައި ހިމަނާކަށް އަހަރެން ބޭނުމެއް ނުވޭ. މި ސަބަބާ ހެދި އަހަރެންގެ ނަން މި ފިލްމުގެ އަލްބަމްގައި ނުހިމަނަން އަހަރެން ވަނީ ނިންމާފައި. އަދި ފިލްމުގެ ކްރެޑިޓްސް އާއި ޕްރޮމޯޝަނުން ވެސް އަހަރެންގެ ނަން އުނިކުރަން އަހަރެން ވާނީ ޕްރޮޑިއުސަރުންނަށް އަންގާފައި. ނަމަވެސް އަލްބަމްގެ ލަވަތައް ނިންމައިދިނުމުގެ މަސައްކަތް އަހަރެންގެ ކުންފުނި ޖޭމް 8 އިން ކުރާނެ،" ޕްރީތަމް ލިޔެފައިވެ އެވެ.

ޕްރީތަމް އަކީ ފާއިތުވީ 15 ވަރަކަށް އަހަރު ބޮލީވުޑް ގިނަ ފިލްމުތަކަކަށް މިއުޒިކް ތައްޔާރުކޮށްދީގެން ގިނަ އެވޯޑުތަކެއް ވެސް ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރެކެވެ. އެގޮތުން "ރާބްތާ" އަށް އޭނާ ތައްޔާރުކޮށްދީފައިވާ ލަވަތައް ވެސް ގިނަ ބަޔަކަށް މިހާރު ވަނީ މަގްބޫލު ވެފަ އެވެ.

އަންނަ މަހު 9 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ރާބްތާ"ގެ މަސައްކަތް ފެށީއްސުރެ ގިނަ މައްސަލަތަކެއް މި ފިލްމަށް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ފިލްމުގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރުމަށް ބޭއްވި އިވެންޓެއްގައި ސުޝާންތު އާއި ނޫސްވެރިއަކާ ދެމެދު ވެސް ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. އަދި މިހާރު ޕްރިތަމް މި ފިލްމުގެ މިއުޒިކް ޑައިރެކްޓަރު ކަމުން ދުރުވުމާ ގުޅިގެން ވެސް ފިލްމަށް އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.