ބޭރު މީހުން ގެންނަ ގިނަ އެޖެންސީތައް ހަރާކާތްތެރިއެއް ނޫން: މިނިސްޓްރީ
ބޭރު މީހުން ގެންނަ ގިނަ އެޖެންސީތައް ހަރާކާތްތެރިއެއް ނޫން: މިނިސްޓްރީ

ބިދޭސީ މަސައްކަތު މީހުން ގެންނަ ގިނަ އެޖެންސީތަކަކީ ހަރަކާތްތެރިވާ ތަންތަން ނޫން ކަމަށާއި ގަވާއިދަށް ނުފެތޭ ތަންތަނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެޖެންސީތަކާ ބެހޭ އާ ގަވާއިދެއް އެކުލަވާލައި ސަރުކާރުން ވަނީ މިދިޔަ މާޗު ގެޒެޓުކޮށްފަ އެވެ. ތިން މަސްދުވަހުގެ ތެރޭގައި އަމަލު ކުރަން ފަށާ ގޮތަށް ހެދި މި ގަވާއިދަށް އަންނަ ހަފުތާ އިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓެންޓް ސައީދާ މުހައްމަދު މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތު މީހުން ގެންނަ އެޖެންސީތައް އިންސްޕެކްޓް ކުރަން ވަނީ ފަށާފަ އެވެ. ރަޖިސްޓްރީކޮށްގެން ހިންގާ 300 އެއްހާ އެޖެންސީގެ ތެރެއިން މިދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި 107 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ބެލިބެލުމުން ގަވާއިދާ އެއްގޮތަށް ހިންގަނީ، ސައީދާ ވިދާޅުވި ގޮތުގައި، އެންމެ 15 ތަނެކެވެ. އޭނާ ވިދާޅުވީ އެ ނޫން ތަންތަން ހިންގަނީ ރަޖިސްޓްރީކޮށްފައިވާ އެޑްރެހުގައި ނޫން ކަމަށާއި އެ ތަންތަނުގެ އޮފީހެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ހައްލުކޮށް، ގަވާއިދަށް ފެއްތުމަށް މި ހަފުތާގެ ނިޔަލަށް މުހުލަތެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވާއިދުގައި ބުނާ އުސޫލުތަކާ އެއްގޮތަށް އެ އެޖެންސީތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" އިކޮނޮމިކް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދާ ވިދާޅުވި އެވެ.

ގަވާއިދުގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޖޫރިމަނާ ކުރުމުގެ އިތުރުން ވަގުތީ ގޮތުން ހުއްދަ ހިފަހައްޓައި މައްސަލަތައް ހައްލުކުރަން ވަކި މުއްދަތެއް ދިނުމަށް ފަހު، އެ ކަންކަން އިސްލާހު ނުކޮށްފި ނަމަ، ހުއްދަ ބާތިލް ކުރުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"އަޅާނެ ފިޔަވަޅު ނިންމާނީ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލާފައި،" ސައީދާ ވިދާޅުވި އެވެ.

އާ ގަވާއިދުގައި ބިދޭސީން ގެނައުމުގެ ކަންކަން ރެގިއުލޭޓް ކުރެވޭނެ ގިނަ ކަންކަން ހިމަނާފައިވެ އެވެ. އެ ގޮތުން، ކަމާ ބެހޭ ސަރުކާރުގެ އެއްވެސް އިދާރާއެއްގެ މުވައްޒަފަކަށް ނުވަތަ އޭނާގެ އާއިލާ މީހަކަށް އެޖެންސީއެއް ނުހިންގޭނެ އެވެ. އަދި ބިދޭސީން ގެނެވޭނީ އޭނާ ނިސްބަތްވާ ގައުމެއްގެ ސަރުކާރުން ހުއްދަ ދީފައިވާ އެޖެންސީއެއް މެދުވެރިކޮށް އެކަންޏެވެ. މީގެ އިތުުރުން، އެޖެންސީއެއްގެ އޮފީސް ހިންގޭނީ ވެސް ވަކި މިންގަނޑުތަކަކަށް ފެތޭ ތަނެއްގައި، ވަކި އުސޫލުތަކެއްގެ ދަށުންނެވެ.

ރާއްޖޭގައި 150،000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތު މީހުން އުޅެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ. އެ ފަދަ ފަރާތްތައް ހޯދައި އަނބުރާ ގައުމަށް ފޮނުވާލުމަށް އިމިގްރޭޝަނުން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގަ އެވެ.