ސޮލިޑާރިޓީ ގޭމްސް: 100 މީޓަރު ދުވުމުން ސާއިދު ސެމީ އަށް
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރު ދުވުމުން ސާއިދު ސެމީ އަށް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އަޒަރުބައިޖާނުގެ ބަކޫގައި ކުރިއަށްދާ ގޭމްސްގެ އެންމެ މުހިއްމު އެއް އިވެންޓުގެ ސެމީ ފައިނަލުން ޖާގައެއް އޭނާ ކަށަވަރުކުރީ ފުރަތަމަ ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ. ސާއިދު އާއި ތުރުކީގެ ދުވުންތެރިޔާ ރަމީލް ގުލިއެވް ދުވެފައިވަނީ 10:40 ސިކުންތުންނެވެ. ހީޓުގެ ދެ ވަނަ އަކީ 10:49 ސިކުންތުން ރޭސް ނިންމި ސަރިނަމްގެ ޖެފްރީ ވަނާން އެވެ. ހަތަރު ވަނަ އަކީ 10:85 ސިކުންތުން ދުވި ޕާކިސްތާނުގެ މުހައްމަދު ޝަހްބާޒެވެ.

ހީޓް ހަތަރެއްގައި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ ސަރީސް އަހުމަދު ވާދަކުރި ނަމަވެސް ސެމީ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. ހީޓުގެ ހަތް ވަނަ އަށް އޭނާ ދިޔައިރު ރޭސް ނިންމާފައިވަނީ 11:28 ސިކުންތުންނެވެ.

ޓައިވާނުގައި މިދިޔަ މަހު ބޭއްވި އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައި ރާއްޖެ އަށް އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިދިން ސާއިދު ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ރާއްޖެ އަށް ހޯދައިދީފަ އެވެ. ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ރޭހާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ސާއިދުގެ ވަނީ މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި، އެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާއަށް އަށް ވެސް ވެފަ އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރަންސުގެ މެމްބަރު ގައުމުތަކުގެ މެދުގައި އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑެރޭޝަނުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޭމްސް އެކެވެ. މި ގޭމްސްގެ އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި މިސްރު، އީރާން، އިންޑޮނީޝިއާ، މެލޭޝިއާ، ސައުރީ އަރަބިއާ، ތުރުކީ އަދި މޮރޮކޯ ހިމެނެ އެވެ.

މި ގޭމްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2005 ވަނަ އަހަރު މައްކާގަ އެވެ. އޭގެ ފަހުން އީރާނުގެ ތެހެރާނާއި އިންޑޯނީޝިއާގެ ޕަލެމްބާގުގައި ވެސް ވަނީ ބާއްވައިފަ އެވެ.