17 މެއި 2017 - 06:48

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
"އޯސީޑީ ކިޔާ އަޑު އަހަންތަ؟" ޑޮކްޓަރު ސުވާލުކުރިއެވެ. "އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ."
އަހަންނަށް ބަލައިލެވުނީ ބައްޕައަށެވެ. ބައްޕައަށް ބަލައިލެވުނީ މަންމައަށެވެ. އަހަރުމެން އެންމެން ވެސް ތިބީ އެ ނަން އަޑުއެހި ތާނގައެވެ. އަހަރެންގެ ހިތަށް ވެރިވީ ބުނަން ނޭނގޭ ކަހަލަ އިހުސާސެކެވެ. އެއީ އުފަލެވެ. ހައިރާންކަމެވެ. ހިތާމައެވެ. އުފާވީ ނަމެއް އޮތް ބައްޔަކަށްވުމާއި، ޖިންނީގެ ކަމަކަށް ނުވީތީއެވެ. ހައިރާންވީ އެކަކަށް ވެސް އެ ކަން ނޭނގި އެހާ ގިނަ ދުވަސް ވީތީއެވެ. ހިތްދަތިވީ އަހަރެން އަމިއްލައަށް ހެދިގެންއުޅޭ ގޮތެއް ނޫންކަން މީހުން ގަބޫލު ނުކުރީތީއެވެ. އެއީ އަހަރުމެން އިންސާނުންގެ ވަރަށް އާންމު ސިފައެކެވެ. ހީއަށް ބަރޯސާވެގެން ކަންކަން ނިންމުމެވެ. ދިމާވާ ކޮންމެ ޑޮކްޓަރެއްގެ ބަހަށް މާ ބޮޑަށް އިތުބާރު ކުރުމެވެ. އަހަރެން ބޭނުން ނަމަ، އަހަރެންގެ މައިންބަފައިންގެ ބޮލުގައި ކިތަންމެ ތުހުމަތެއް އެޅުވުނީހެވެ. ކިތަންމެ ޝަކުވާއެއް ކުރެވުނީހެވެ. އެހެންނަމަވެސް އަހަރެން އެ ކަހަލަ ކަމެއް ނުކުރަމެވެ. ބަލީގެ ޙަޤީޤަތް އެނގުމުން އަހަންނަށް ނިމުނީއެވެ. އަހަރެން ބޭނުންވަނީ އާންމު އިންސާނެއްހެން އަހަރެން ވެސް ދިރިއުޅުމެވެ. އަހަރެންގެ ބަލި ރަނގަޅުވުމެވެ. އަހަންނަށް ޖެހިފައިވަނީ ޑޮކްޓަރު ބުނި ބަލިކަމުގައިވާ ނަމަ، އޯސީޑީއަކީ ލޯތަކަށް ކެހިދޭން ކުޅަދާނަ ބައްޔެކެވެ. ރަޙުމު ކުޑަ، އަނިޔާވެރި، މަކަރުގަދަ ބައްޔެކެވެ. އެތެރެއެތެރެއިން މީހާ ކައި ހުސްކޮށްލަނީ، ބޭރުފުށަށް ޖިސްމާނީ އަނިޔާއެއް ނުދީއެވެ.
އޯސީޑީގެ ސަބަބުން ވާ ގޮތާއި، ފެންނަ އަލާމާތްތަކާއި، މިޒާޖަށް އަންނަ ބަދަލު ޑޮކްޓަރު ކިޔައިދިނެވެ. އަހަންނަށް ހީވީ އަހަރެންގެ މާޒީ ކިޔައިދިންހެންނެވެ. އަހަރެން މިސާލަކަށް ނަގައިގެން ކިޔައިދިންހެންނެވެ. އަހަރެން ލައްވާ ކަންކަން ތަކުރާރުކުރުވުމާއި، އަހަރެންގެ ލޮލަށް ދެއްކި މަންޒަރުތަކާއި، ހިތާ ދެކޮޅަށް އަހަރެން ކުރި ހަނގުރާމަތަކެވެ. އަޖައިބެއްހާ އެއްގޮތެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ދެހަން ދޭތެރޭގައި ފިލާ އޮތް ބަލި ބޭޒާރުވީއެވެ. އަހަންނަށް ކުރިމަތިވި ހިތްދަތިކަމުން ފުރިގެންވީ ދަތުރު ނިމުމަކަށް އައީއެވެ. އަހަރެން ސަލާމަތްވީއެވެ. އާންމު އިންސާނެއް އުޅޭހެން އަހަންނަށް ވެސް ދެން އުޅެވޭނެއެވެ. އެ ޑޮކްޓަރު އޭރު ވެސް ދިޔައީ އޯސީޑީގެ އެތައް ބަލިމީހުންނަކަށް ފަރުވާދެމުންނެވެ. ބޭހަށް ވުރެ ބޮޑަށް ނަފުސާނީގޮތުންނެވެ. އަހަރެން ކަހަލަ އެތައް ބަޔަކު ދުނިޔޭގައި އުޅޭކަން އެނގުމަކީ ހިތަށް އަސަރުކުރުވި ކަމެކެވެ. ހަމަ އެހެންމެ އެއީ އަހަންނަށް ލިބުނު ހިތްވަރެއް ވެސް މެއެވެ.
އޯސީޑީ ދަސްކުރުމުގެ މަސައްކަތް އަހަރެން ފެށީމެވެ. ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އޯސީޑީއަކީ އަހަރެން ދެކެފަރިތަ ރައްޓެއްސަކަށް ހެދީމެވެ. އޮޅު ނުވި އަހަރެންގެ ހިތް އޮޅުކުރާނެ ގޮތާއި، ހިތަށް ކެހިދޭނެ ގޮތް ދަސްކުރީމެވެ. ހިތް ހައްލާނެ ގޮތާއި، ސިކުނޑީގެ މައްޗަށް އަހަރެން ގަދަވެގަންނާނެ ގޮތް ހޯދީމެވެ. އެއީ މާ ބޮޑުކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ ކެތްތެރިކަމާއި، ހިތްވަރާއި، ވަގުތެވެ. ހިތާ ކުރިމަތިލާނެ ކިތަންމެ އުކުޅެއް ޑޮކްޓަރު ދަސްކޮށްދިނެވެ. އިންޑިޔާގައި އަހަރެން ހުރުމުގެ ބޭނުމެއް ނެތެވެ. އަހަރެންގެ ފަރުވާއަކީ އިންޖެކުޝަނެއް ނޫނެވެ. ބުއްދިއެވެ. އަހަރެން ބައްދަލުކުރަން ޖެހެނީ ޑޮކްޓަރަކާ ނޫނެވެ. އަހަރެންގެ އަމިއްލަ ހިތާއެވެ. އިންޑިޔާގައި ހުރިއިރު އަހަންނަށް މާ ބޮޑު ކާމިޔާބީތަކެއް ނުހޯދުނެވެ. ކުޅިބައި އަތުރައި، ކުޅިފަސް ވެސް ހޯދީ އަހަރެންގެ ބައްޔެވެ. އެކަމަކު އޭރު ވެސް އަހަންނަށް އެނގެއެވެ. އަހަރެންނަށް ކުރި ހޯދޭނެއެވެ. އުނދަގޫ ކަމެކެވެ. ނުވާނެކަމެއް ނޫނެވެ. ނަފުސާނީ ބައްޔެއްގެ މައްޗަށް އެއްފަހަރުން ކުރި ހޯދިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.
"އެންޒައިޓީޔާ ޑިޕްރެޝަނަށް އަހަރެން ބޭސް ދޭނަން،" ޑޮކްޓަރު ބޭސް ސިޓީ ލިޔަމުން ބުންޏެވެ. "ދެން އޮންނާނީ ތިމާގެ ހިތްވަރު. ދުސްމަނަކީ ތިމާގެ ހިތް. އެ ހިތް އެންމެ ރަނގަޅަށް އެނގޭނީ ތިމާއަށް."
މާލެއަށް އެނބުރި އައިއިރު އަހަރެން ހުރީ ވަރަށް ބޮޑަށް ލޯ ހުޅުވިފައެވެ. ކަން ކުރަންވީ ގޮތް ދަސްވެފައެވެ. އެއްފަހަރަކުން ބޮންތިއަކު ނުހިފުނެވެ. އަހަރެން ކައްސައިލިއެވެ. ވަރުބަލި ވެސް ވިއެވެ. އެންމެ އުނދަގޫވި ކަމަކީ، ހިތުގެ ސަމާލުކަން ގެއްލުވައިލުމެވެ. އެހެން މިސްރާބަކަށް ހިތް އަނބުރައިލުމެވެ. އަހަރެންދެކެ ލޯބިވާކަށް އަހަރެންގެ ހިތަކަށް ނޭނގެއެވެ. ތުވާލީގެ ދެ ކޮޅު އެއްވަރުކުރުމަށް ހިތުގެ އޯޑަރު އައެވެ. ކުރިން ވެސް އަންނަ ފަދައިންނެވެ. އޯޑަރު ތަކުރާރު ކުރިއެވެ. އަހަރެން އެއްބަސް ނުވީއެވެ. ސަލާމަތުގެ އައްސޭރިއަށް އަހަންނަށް ދެވެން އޮތް ހަމައެކަނި މަގަކީ އެއީއެވެ.
"ދެން ނުވާނެ ތި ކަމެއް،" ދެކޮޅުހަދަމުން އަހަރެން ބުނީމެވެ. "ތުވާލީގެ ދެކޮޅު އެއްވަރެއް ނުކުރާނަން ނުވެސް ކުރުވޭނެ. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ކަލޭ ބަލިކުރާނަން."
އަހަރެން އިންކާރު ކުރުމުން އަހަންނަށް ހިތް މަޖުބޫރުކުރަން ފެށިއެވެ. ދެން ވާނީ އެހެންކަން އަހަންނަށް އެނގެއެވެ. އެއީ އާ ކަމެއް ނޫނެވެ. އަހަރެން ހުރީ އެ ކަމަށް ތައްޔާރުވެގެންނެވެ. އަމިއްލަ އަތުގައި އަހަރެން ވަރަށް ބާރަށް ވިކައިގަތީމެވެ. އެ އުކުޅަކީ އެންމެ ރަނގަޅު އުކުޅުކަމުގައި ނުވެދާނެއެވެ. އެހެންނަމަވެސް، އަހަރެންގެ ސަމާލުކަން އަތުލީ އަތުގައި އެޅި ވޭނެވެ. ހިތުގެ އަޑު ކެނޑުނެވެ. ދަނޑިވަޅު ބަލައިފައި އަހަރެން ފާޚާނާއިން ނުކުތީމެވެ. ދޮރު ލެއްޕީމެވެ. ތުވާލީގެ ދެކޮޅު ހުރީ ހުރިގޮތަށެވެ. އަލަމާރީގެ ދޮރަށް އަހަންނަށް ސަމާލުކަން ދެވުނެވެ. ދޮރުފަތް ހުރީ ނުލެއްޕިއެވެ. އިންޗިއެއްހާ ދުރުމިން ހުއްޓެވެ. ކުކުޅެއްގެ ފައި އަލަށް ތަނެއްގައި އެއްސުމުން ސަލާމަތްވާން ފަޔަށް ލުކިޖަހާހެން އަހަރެންގެ ހިތް މިނިވަންވާން މަސައްކަތް ކުރިއެވެ.
"ދޮރުފަތް ލައްޕާލާ!" ހިތް ބުންޏެވެ. "ދޮރުފަތް ލައްޕާލާ!"
އިއަރފޯން ކަންފަތަށް ޖަހައިފައި ލަވަޖަހަން ފެށީމެވެ. އަހަރެން ބޭނުންވީ ގަދަފަދަ އަޑެކެވެ. ލޯމަތީގައި އަތްއެޅީމެވެ. ހިތަށް މަޖުބޫރުވީ އެ ލަވަޔާ ދޭތެރޭގައި ވިސްނުމަށެވެ. ނިދަން އޮށޯތުމުން، ވަކި ގޮތަކަށް އަހަރެންގެ އަތް ނުބާއްވައިފި ނަމަ ހަށިގަނޑަށް އަރާމު ނުލިބޭނެކަން ވިސްނައިދޭން ސިކުނޑި މަސައްކަތް ކުރިއެވެ. ހިތާއި ސިކުނޑީގެ ތިމާގެކަން ވަރަށް ބޮޑެވެ. އަހަރެން އަތް ގުޑުވައިނުލުމުން މުޅި ހަށިގަނޑު ތުރުތުރުއަޅަން ފެށިއެވެ. ފަލަނގުފޭލީގައި ބާރަށް ހިފަހައްޓައިގެން، ކެތްކޮށްލައިގެން އަހަރެން އޮތީމެވެ. ބަލީގެ މައްޗަށް އަހަރެން ކުރި ހޯދީ އެ ފަދަ ކުދިކުދި އެކަމަކު އުނދަގޫ ކަންކަން ކޮށްގެންނެވެ. ފެށިތާ ކައިރީގައި، ބައެއް ފަހަރު ބަލި ކުރިހޯދިއެވެ. އެކަމަކު، އެ ކާމިޔާބީ ދިޔައީ މަދުވަމުންނެވެ. ދޭތެރެ ދިޔައީ ދުރުވަމުންނެވެ. އުނދަގޫ ދިޔައީ ކުޑަވަމުންނެވެ. ހިތަށް ކުރި ލިބެނީ ހިތް ދައްކާ މަންޒަރު އަހަރެން ބެލީމައެވެ. ހިތްވަރުކޮށްލައިފި ނަމަ، އެ މަންޒަރު ނުބެލުމުގެ ބާރު އަހަންނަށް ލިބެއެވެ. ބައެއް ފަހަރު އަހަރެން ތުރުތުރުއަޅައެވެ. ނޭވާ ނުލެވިގެން އުޅެންޖެހެއެވެ. މެޔަށް ތަދުވެއެވެ. ބޮލުގައި ރިއްސައެވެ. މާ ކުރިން ވެސް އަހަންނަށް އެނގެއެވެ. އެ ހަނގުރާމަ ފަސޭހައެއް ނުވާނެއެވެ. ކުރެއް ވެސް ނުވާނެއެވެ. އޯސީޑީއަކީ އަހަރެންގެ ސިކުނޑިއަށް ސަވާރުވެގެން އިން ބޯވައެކެވެ. އޭގެ ފައިތައް ތަތްކޮށްފައިހުރީ އަހަރެންގެ ހިތުގައެވެ. އެހެންނަމަވެސް، އެ ބަލިން ސަލާމަތްވާން ބޭނުން ނަމަ، ދޫދިނުމުގެ އިޚުތިޔާރެއް އަހަންނަކަށް ނެތެވެ. އަހަރެން ޖެހުނީ ކުރިމަތިލާށެވެ. އަހަރެން ޖެހުނީ ކަށިން މަދު ނެރޭށެވެ.
އަހަރެން މޮޅުވާން ފެށީ އެއް ދުވަހަކުން ނޫނެވެ. އެއް ހަފުތާއަކުން ވެސް ނޫނެވެ. ވަގުތު ނެގިއެވެ. އެހެންނަމަވެސް އަހަރެން ދުލެއް ނުދެމެވެ. ދިރިހުންނަން ބޭނުންވާތީއެވެ. އުފަލަކީ އަހަންނަށް ވެސް އޮތް ޙައްޤެއްކަން އެނގޭތީއެވެ. ނަފުސާނީ ބަލިމަޑުކަމެއްގައި އުމުރު ބޭކާރުކޮށްލަން ބޭނުން ނުވާތީއެވެ. ހިތާހިތުން އަހަރެން ބުނީމެވެ. ހިތާއެވެ. ވަރުބަލިވާނީ ކަލެއެވެ. އަހަންނެއް ނޫނެވެ. ސިކުނޑިއާއެވެ. ގޮތް ހުސްވާނީ ކަލެޔަށެވެ. އަހަންނަކަށް ނޫނެވެ. އަހަންނަށް ހިތް އޮޅުވާން ފެށީ ތިން މަސް ދުވަސް ފަހުންނެވެ. އަހަންނަށް ދެއްކި މަންޒަރުތައް ފަނޑުވެ، ގައިގައި ވަރުޖެހެން ފެށިއެވެ. ދުނިޔޭގެ ރީތި ކުލަތަކާއި، މީރުވަސް އަހަންނަށް އިހުސާސް ކުރެވެން ފެށިއެވެ. ޢާއިލާގެ އެހެން މެންބަރުން ފަދައިން ކައިބޮއިހަދަން ފެށުނެވެ. އެނދުގެ ބޭނުން ދިމާއަކުން ފައިބައި، އަލަމާރީގެ ދޮރު ބޭނުން ވަރަކަށް ހުޅުވައިފައި ބެހެއްޓުމުގެ ޝަރަފު އަހަންނަށް ލިބެން ފެށިއެވެ. އެހެން މީހުންނަށް އެއީ އާދައިގެކަމެކެވެ. އަހަންނަށް އެއީ ޝަރަފެކެވެ. އިނާމެކެވެ. ހަދިޔާއެކެވެ. މަގުމަތިން ފެންނަ ހުރިހާ އެއްޗެއް ގުނަން ނުޖެހުމަކީ ބޮޑު ނިޢުމަތެކެވެ. އެ ކަން އެނގޭނީ އަހަރެން ކަހަލަ މީހަކަށެވެ. ހިތުގެ ނުލަފާކަން ދައްކާލަން ހިތް މަސައްކަތް ކުރިއެވެ. ދަނޑިވަޅު ބަލައިފައި ބޮޑު ފުރޭތައެއްހެން އައިސް އަހަރެންގެ ކުރިމައްޗަށް ޖެހިގަނެއެވެ. އަހަރެން ބިރެއް ނުގަނެއެވެ. ހިތާހިތުން ބުނަމެވެ. ގަދައީ ކާކުތޯ ބަލަން ހިނގާށެވެ. ފުރާނަ ހުރިހައި ހިނދަކު ތި ބައްޔަކަށް އަހަރެން އަމާނެއް ނުދޭނަމެވެ. އަހަރެން އޯސީޑީ ބަލިކުރީމެވެ. ހައްލަކީ ބޭހެއް ނޫނެވެ. ދެތިން މަސް ތެރޭގައި ބޭސް ހުސްވިއެވެ. ކާމިޔާބުގެ ދިދަ ވިހުރުވައިލެވުނީ ދެ އަހަރުގެ ވަރުގަދަ ހަނގުރާމައަކަށް ފަހުގައެވެ.
މިއަދު އަހަންނަކީ އުފާވެރި ހަޔާތެއް ވެއަތުކުރަމުންދާ މީހަކީމެވެ. ފިރިއަކީމެވެ. ދެ ކުދީންގެ ބައްޕައަކީމެވެ. އޯސީޑީ އަހަންނާ ރުޅިވިތާ މިހާރު ދިހަވަރަކަށް އަހަރު ވެއްޖެއެވެ. މީ އަމިއްލައަށް މަރުވާން ވެސް ހިތަށްއެރި އިންސާނަކު، ދިރިހުރުމަށްޓަކައި ކުރި ދިގު ހަނގުރާމައެއް ނިމުނު ގޮތެވެ. އިއްޔެއާ އަޅާބަލާއިރު މިއަދު އަހަރެންގެ ޢަޒުމު މާ ވަރުގަދައެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑެވެ. ބައްޔާ މެދު އަހަރެންގެ ޝަކުވާއެއް ނެތެވެ. ހަޔާތުގައި ކަންކަން ކުރިމަތިވަނީ މުހިންމު ސަބަބަކަށް ޓަކައެވެ. އަހަންނަށް ޖެހުނީ ބައްޔެކެވެ. އެކަމަކު އެއީ ތަޖުރިބާއެކެވެ. އިމްތިހާނެކެވެ. އެ ކަން ކުރިމަތި ނުވި ނަމަ، ހަޔާތަކީ ކިހާ ބޮޑު ނިޢުމަތެއްކަމެއް އަހަންނަކަށް ނޭނގުނީހެވެ. ނޭވާލުމާއި، ތަންތަން ފެނުމާއި، އަމިއްލަ ދެފައިން ހިނގުމާއި، އިވުމާއި، ވާހަކަދެއްކުމަކީ ކިހާ އަގުހުރި ނިޢުމަތްތަކެއް ހެއްޔެވެ؟ ސިއްހަތު ސަލާމަތުން ހުރުމާއި، ހަމަ ނިދި ލިބުމާއި، ހިތުގައި ޖަހާ ވިންދަކީ ވެސް އަހަރުމެންނަށް ﷲ ދެއްވި ކިހާ އަގުހުރި ހަދިޔާއެއް ހެއްޔެވެ؟ އެ ހުރިހައިކަމެއް އަހަންނަށް ދަސްކޮށްދިން މުދައްރިސަކީ އަހަރެންގެ ބައްޔެވެ. ގަބޫލުކުރަމެވެ. އަހަރެން ވަރަށް ހާލުގައި އުޅުނީމެވެ. އެކަމަކު، ހީނާފަތުގެ ކުލަ ނެރެވެނީ ވެސް ފަތްތައް ފިސްފިސްކޮށްގެންކަން ހަނދާންބަހައްޓާށެވެ.
ނިމުނީ