16 މެއި 2017 - 12:40

ފެޔަނޫޑް، ނެދަލެންޑްސް (މެއި 16) - މީގެ ދެ އަހަރު ކުރިން ފެޔަނޫޑަށް އެނބުރި އައިސް އެ ޓީމަށް ނެދަލެންޑްސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް ބުނުމުން ކުރީ މަލާމަތް ކަމަށާއި މިހާރު އެންމެ ތިބީ އުފަލުން ކަމަށް ފެޔަނޫޑްގެ ކެޕްޓަން ޑާކް ކައުޓް ބުނެފި އެވެ.
ފެޔަނޫޑުން މި ފަހަރު ނެދަލެންޑްސް ލީގު ކާމިޔާބުކުރިއިރު، މިއީ 1999 ވަނަ އަހަރަށް ފަހު ލީގު ހޯދި ފުރަތަމަ ފަހަރެވެ. އެ ޓީމުން ލީގު ނިންމާލީ ކައުޓްގެ ހެޓްރިކާ އެކު މިދިޔަ ހޮނިހިރު ދުވަހު 3-1 އިން ހެރަކްލްސް އަތުން ހޯދި މޮޅުންނެވެ. ފެޔަނޫޑަށް 34 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލި އަޔެކްސް އަށް ލިބުނީ 34 މެޗުން 81 ޕޮއިންޓެވެ.
"މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ހާއްސަ ވަގުތު. މީގެ ދެ އަހަރު ކުރިން އަހަރެން އަލުން ޓީމާ ގުޅުމަށް ފަހު ބުނިން ލީގު ހޯދޭނެޔޭ. އެކަމު އޭރު ގިނަ ބަޔަކު ކުރީ މާލާމަތް. އަހަރެން ހިތްވަރު ދޫކޮށްނުލައި ކުރި މަސައްކަތުން މިއަދު އެކަން ހާސިލްވެއްޖެ،" އުމުރުން 36 އަހަރުގެ ކައުޓް ބުންޏެވެ.
ކައުޓް ކެރިއަރު ފެށީ 1998 ވަނަ އަހަރު ޔޫޓްރެކްޓް އިންނެވެ. އެ ޓީމަށް ފަސް އަހަރު ކުޅުމަށް ފަހު 2003 ވަނަ އަހަރު އޭނާ ވަނީ ފެޔަނޫޑަށް ބަދަލުވެފަ އެވެ. އެ ޓީމާ އެކު ތިން އަހަރު ކައުޓް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ 2006 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެފަ އެވެ. ލިވަޕޫލަށް ހަ އަހަރު ކުޅުމަށް ފަހު ދެން ކައުޓް ފެނުނީ ތުރުކީގެ ފެނަބާޗޭ އިންނެވެ.
"އަހަރެން ވަރަށް ދެ ގައުމެއްގެ ބޮޑު ދެ ކްލަބަކަށް ކުޅެފިން. ތަފާތު ތަޖުރިބާތަކެއް ވެސް ކޮށްފިން. އެކަމަކު މިއީ މުޅިން ތަފާތު ކާމިޔާބެއް. މިއީ ބޮޑު އުފަލެއް،" ލިވަޕޫލާ އެކު 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެ، ނެދަލެންޑްސްއާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ކައުޓް ބުންޏެވެ.
ފެޔަނޫޑްގެ ކޯޗު ކުރިން ބާސެލޯނާ އަށް ކުޅުނު ޖިއޮވާނީ ވެން ބްރޮންކޯސްޓް ބުނީ މި ސީޒަނުގައި ފެޔަނޫޑަށް ލީގު ލިބުމުގައި ކައުޓްގެ ދައުރު ބޮޑު ކަމަށެވެ.
"ކައުޓަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާގެ ތަޖުރިބާ އާއި އެހީތެރިކަމާ ނުލައި ފެޔަނޫޑަށް މި ކާމިޔާބީ ނުލިބޭނެ. ލީގު ހޯދުމުގައި ކައުޓްގެ ދައުރު ބޮޑު،" ވެން ބްރޮންކޯސްޓް ބުންޏެވެ.