15 މެއި 2017 - 23:24

މާލޭގައި ހުންނަ ވިލިނގިލީ ފެރީ ޓާމިނަލް ކައިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައި މިރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަޅާފައިވަނީ އޭނާ ވިދާޅުވި ގޮތުގައި މިރޭ 10 ޖަހާކަންހާއިރު އެވެ.
އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ސައިކަލެއްގައި އައި ދެ މީހަކު ވަޅި ހަރާފައި ވަނީ ވިލިމާލޭން މާލެ އަށް ފެެރީގައި އައި ޒުވާނެއްގެ ގަޔަށެވެ. އެ ގޮތުން އެ ޒުވާނާގެ ބުރަކައްޓަށް ވަރަށް ބޮޑަށް ވަޅި ހަރާފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
މި ޒުވާނާ އަށް ފަރުވާ ދިނުމަށް ގެންދިޔައީ އެ ސަރަހައްދަށް އެއްވެސް އާންމުންގެ ބައެކެވެ.