ކެފެއިން ހުރި އެއްޗެހި މާގިނައިން ބުއިމުން އެމެރިކާގައި ދަރިވަރަކު މަރުވެއްޖެ
ކެފެއިން ހުރި އެއްޗެހި މާގިނައިން ބުއިމުން އެމެރިކާގައި ދަރިވަރަކު މަރުވެއްޖެ

ކެފެއިން ހުރި އެއްޗެހި މާގިނައިން ބުއިމުގެ ސަބަބުން އެމެރިކާގައި ދަރިވަރަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

ސްޕްރިންގް ހިލް ހައި ސްކޫލްގެ 16 އަހަރުގެ ދަރިވަރެއް ކަމަށްވާ ޑޭވިސް އެލަން ކްރިޕް ކްލާސްރޫމް ތެރެއަށް ވެއްޓި މަރުވީ ކެފެއިންގެ ސަބަބުން ހިތަށް ކުރިމަތިވި މައްސަލަތަކެއްގައި ކަމަށް އޭނާގެ މަރު ސާބިތުކުރުމަށް ފަހު ވަނީ ބުނެފަ އެވެ.

މި ކުއްޖާ ވެއްޓުނީ ވަރަށް ގިނައިން ސޮޑާ ބުއިމަށް ފަހު ލާޓޭ ކޮފީއަކާއި އެނާޖީ ޑްރިންކެއް ބުއި ފަހުން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި މި ބުއިންތަކުގެ ސަބަބުން ޑޭވިސްގެ ހަށިގަނޑަށް ވަރަށް މަތީ މިންވަރަކަށް ކެފެއިން އެތެރެވެފައިވާ ކަމަށާއި މައްސަލަތައް ކުރިމަތިވީ އެހެންވެގެން ކަމަށް ވަނީ ބުނެފަ އެވެ.

މަރު ސާބިތުކޮށް، ހަށިގަނޑު ބެލި ގޭރީ ވޮޓްސް، ޑޭވިސްގެ އާއިލާގެ މެންބަރުންނާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ކެފެއިންގެ ސަބަބުން މިފަދަ ކަމެއް ދިމާވާ ފަދަ ހާލަތެއްގައި ހުރި އެއްވެސް މީހަކު ޑޭވިސްގެ އާއިލާގައި ނެތް ކަމަށެވެ. އަދި ޑޭވިސް އަކީ ވެސް ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށް ވޮޓްސް ބުންޏެވެ.

ޑޭވިސް މަރުވުމުގެ މައިގަނޑު ސަބަބަކީ އެނާޖީ ޑްރިންކް ކަމަށާއި އެހެންވެ ބެލެނިވެރިން މިކަމަށް ސަމާލުވެ އެފަދަ ތަކެއްޗާ ދަރިން ދުރުކުރަން މަސައްކަތްކުރުމަށް ވޮޓްސް އިލްތިމާސްކުރި އެވެ.

ޑޭވިސް މަރުވީ މިދިޔަ އޭޕްރީލް މަހު، ކްލާހުގައި ހުއްޓާ ވެއްޓުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ފުރަތަމަ ހެދި އޮޓޮޕްސީން މަރުގެ ސަބަބެއް ނޭނގުނެވެ. ނަމަވެސް ވޮޓްސް ބުނީ މިއީ ކެފެއިންގެ ސަބަބުން ކުރިމަތިވި މަރެއްކަން މިހާރު އެނގޭ ކަމަށެވެ.