ބިން ލާދިންގެ މަރުގެ ބަދަލު ހިފަން އޭނާގެ ދަރި މަސައްކަތް ކުރާނެ
ބިން ލާދިންގެ މަރުގެ ބަދަލު ހިފަން އޭނާގެ ދަރި މަސައްކަތް ކުރާނެ

ވޮޝިންޓަން (މެއި 15) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އެމެރިކާ އިން މަރާލާފައިވާތީ އޭނާގެ މަރުގެ ބަދަލު ހިފުމަށް ބިން ލާދިންގެ ދަރި ހަމްޒާ މަސައްކަތް ކުރާނެ ކަމަށް އެފްބީއައިގެ ކުރީގެ އެޖެންޓަކު ބުނެފި އެވެ.

ބިން ލާދިން މަރާލުމަށް ދިން ހަމަލާގައި އެ ގެއިން ހޯދި ސިޓީތަކާ ހަވާލާދީ އެފްބީއައިގެ ކުރީގެ އެޖެންޓް ބުނީ ބިން ލާދިން ދެކެ ހަމްޒާ ވަރަށް ލޯބިވާ ކަމަށެވެ. ސެޕްޓެމްބަރު 11 ގައި އަލްގައިދާ އިން ދިން ހަމަލާ ތަހުގީގު ކުރުމުގައި އިސްކޮށް އުޅުނު އެޖެންޓް ބުނީ ބައްޕަގެ ސިޔާސަތު ކުރިއަށް ގެންދަން ހަމްޒާ ބޭނުންވާނެ ކަމަށެވެ. ހަމްޒާ އާއްމުކުރި މެސެޖްތަކުގައި ވެސް ވަނީ ބިން ލާދިންގެ ބަސްމަގު ކަމަށް އެޖެންޓް ބުނެފައިވެ އެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހު ތެރޭ ހަމްޒާ ވަނީ ހަތަރު އޯޑިއޯ މެސެޖެއް އާއްމުކޮށްފަ އެވެ.

ބިން ލާދިން މަރާލީ ޕާކިސްތާނުގެ އަބޮތުއާބާދަށް އެމެރިކާގެ ނޭވީ ސީލުން މެއި، 2011 ގައި ދިން ހަމަލާގަ އެވެ. ބިން ލާދިން މަރާލަން ހަމަލާ ދޭން އުޅުނުކަން އެނގިފައި ވަނީ ވެސް އެމެރިކާ ސިފައިންގެ ސީނިއާ މަދު އޮފިޝަލުންތަކަކަށެވެ.

އެމެރިކާ އިން ޖެނުއަރީ މަހު ވަނީ ހަމްޒާ އަކީ ގްލޯބަލް ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.