15 މެއި 2017 - 15:33

ކޮލަމްބޯ (މެއި 15) - ހަނގުރާމައިގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ސްރީ ލަންކާގެ އުތުރުގެ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް 120 ގެ އަޅައިދިނުމަށް ޔޫއޭއީގެ ވިޔަފާރިވެރިއަކު ނިންމައިފި އެވެ.
ލަންކާގެ އިންޑަސްޓްރީ އެންޑް ކޮމާސް މިނިސްޓަރު ރިޝާދު ބަތީއުއްދީންއާ ބައްދަލު ކުރެއްވުމަށް ފަހު ޔޫއޭއީގެ ވިޔަފާރިވެރިޔާ މަހްމޫދު ފާތިހު އަލީ އަބްދުﷲ އަލް ޚާޖިހު ވިދާޅުވީ ދާޚިލީ ހަނގުރާމައިގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ލަންކާ ސަރުކާރުން ހިންގާ މަޝްރޫއަށް އެހީވުމަށް އޭނާ ބޭނުންވާ ކަމަށެވެ. ފާތިހު އަލީ ވަނީ އޭނާގެ އާއިލާގެ ހަތަރު މެންބަރުންނާ އެކު ލަންކާ އަށް މި ހަފުތާގައި ވަޑައިގެން އެ ގައުމުގެ ކަމާ ބެހޭ އޮފިޝަލުންނާ ބައްދަލު ކުރައްވައިފަ އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މަސައްކަތަށް ތައުރީފް ކުރައްވާ ފާތިހު އަލީ ވިދާޅުވީ ލަންކާގެ އުތުރުގައި 120 ގެ އަޅައިދިނުމަށް ނިންމީ އިންސާނިއްޔަތަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި ގެ އަޅައިދިނުމަށް ފަހު އެ ގޭތަކުގެ މީހުންނަށް ވޯޓާ ސަޕްލައި ސިސްޓަމެއް ހަދިޔާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ބަތީއުއްދީން ވަނީ ޔޫއޭއީގެ ވިޔަފާރި ވެރިޔާ ދެއްވާ ބޮޑު އެހީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.