16 މެއި 2017 - 07:14

އާމިރު ޚާންގެ "ދަންގަލް" އަށް، ޗައިނާގައި އުންމީދުކުރި ވަރަށް ވުރެ މާ ބޮޑު ކާމިޔާބީއެއް ލިބެމުން އެބަދެ އެވެ.
މީގެ 10 ދުވަސް ކުރިން ޗައިނާގައި ރިލީޒްކުރި މި ފިލްމަށް މިހާތަނަށް 382.69 ކްރޯޑު (58.74 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި އިންޑިއާއިން މި ފިލްމަށް ލިބިފައިވަނީ 387.38 ކްރޯޑު (59 މިލިއަން ޑޮލަރު) އެވެ. މިއީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ނަމަވެސް ހަގީގަތް އޮތް ގޮތް ކަމަށް ތަރަން ބުނެފައިވެ އެވެ. އެހެންކަމުން އިންޑިއާ އިން މި ފިލްމަށް ލިބުނު އެއްޗަކަށް ވުރެ ޗައިނާއަށް ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށް އޭނާ ބުންޏެވެ.
އާމިރު ޚާނާއި ޑައިރެކްޓަރު ނިތޭޝް ތިވާރީ މިދިޔަ މަހު ވަނީ މިފިލްމު ޕްރޮމޯޓްކުރުމަށް ޗައިނާއަށް ދަތުރެއް ކޮށްފަ އެވެ.
"ދަންގަލް" އަކީ ރެސްލިން ތެޅުންތެރިއެއް ކަމަށްވާ މަހާވީރް ސިންގް ޕޯގަޓްގެ ހަޔާތުގެ ހަގީގީ ވާހަކަތަކެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ގީތާ އާއި ބަބީތާ އަށް ރެސްލިން ތަޅަން ދަސްކޮށްދީ ބައިނަލްއަގުވާމީ މައިދާނުގައި އެމީހުންނަށް ކާމިޔާބު ހޯދައިދޭ ގޮތް މި ފިލްމުން ފެނިގެން ދެ އެވެ.
"ދަންގަލް" އަކީ ޓެކްސް-ފްރީ ފިލްމެއްގެ ގޮތުގައި އިންޑިއާގެ ބައެއް ސްޓޭޓްތަކުން ވަނީ ހަމަޖައްސާފަ އެވެ. އެއީ އެ ފިލްމުގައި އަންހެން ދަރިންނަށް ތައުލީމު ދިނުމާއި އެކުދިން ރައްކާތެރިކޮށް ކިޔަވައިދީ މުޖުތަމައުގައި މުހިއްމު ބަޔަކަށް ހެދުމަށް މި ފިލްމުން ވަރަށް ރަނގަޅު މެސެޖެއް ދީފައިވާތީ އެވެ.
މިއަހަރުގެ ފިލްމްފެއާ އެވޯޑުގެ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އެކްޝަން އަދި އެންމެ މޮޅު އެކްޓަރު (އާމިރު ޚާން) ގެ އެވޯޑު މި ފިލްމަށް ލިބުނެވެ.