19 ޖޫން 2016 - 14:36

ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ޗެއާމަން ޕޮލިހަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން ޕޮލިހަށް ހާޒިރުކުރަނީ ފުލުހުން ތަހުގީގުކުރާ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޗިޓު ހަވާލުކޮށްގެން ހާޒިރުކުރެވޭތޯ މި މަސައްކަތް ކުރަނީ. އޭގެ ފަހުން މަޝްވަރާކޮށްފައި އެހެން ގޮތެއް ނިންމާނީ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރުގެ ގޮތުގައި ހުންނެވި ޖަމީލަށް ޗިޓް ހަވާލުކުރަން އޭނާ މާލޭގައި ދިރިއުޅުއްވި ގެއަށް ފުލުހުން ދިޔަ އެވެ. އެކަމަކު ގެ ތަޅުލާފައި ހުރުމުން ޗިޓް ހަވާލު ނުކުރެވުނު ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ޖަމީލަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރުމުގެ މަސައްކަތް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފެއްޓެވުމާ އެކު ޖަމީލް ވަނީ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރައްވައިފަ އެވެ.
އަކްރަމްއާ ޗިޓް ހަވާލުކުރަން ދިއުމުން، އޭނާގެ އާއިލާ އިން ޗިޓާ ހަވާލުނުވި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަކްރަމް ވެސް މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.
ރައީސް ހައްޔަރުކުރަން ކޯޓު އަމުރު ނެރުނީ ޖަމީލް ވިދާޅުވެގެން ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި ސިއްރުން ހެކި ބަސް ދިން ފުލުހުންގެ މީހަކު ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު ޖަމީލް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އަމުރު ނެރުނު މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުންސިންް އާއި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ވަނީ 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.