15 މެއި 2017 - 15:12

ސަންއާ (މެއި 15) - ޔަމަނުގައި ކޮލެރާ ފެތުރި ގިނަ ބަޔަކު މަރުވަމުންދާތީ ވެރިރަށް ސަންއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.
ކޮލެރާ ޖެހިފައިވާ މީހުން ގިނަވެ ވެރިރަށުގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. ސަންއާގެ ހޮސްޕިޓަލްތައް ވަނީ ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހޫތީންގެ ބާރުގެ ދަށުގަ އެވެ. ރެޑް ކްރޮސް އިން ބުނީ ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަފުތާއެއްގެ ތެރޭގައި ތިން ގުނައަށް އަރާ 8،500 މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގައުމު ވަނީ ސުންނާފަތިވެފަ އެވެ. ހަނގުރާމައިގައި ވަނީ 300 އަށް ވުރެ ގިނަ ހޮސްޕިޓަލް ނުވަތަ ކްލިނިކް ހަލާކުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިއްހީ ޚިދުމަތްތައް ދަށްވެ ބަލިތައް ފަސޭހަ އިން ފެތުރެ އެވެ. އދ. އިން ބުނީ ޔަމަނުގެ ތިން ބައިކުޅަ ދެބައި މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމަށެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ޔަމަނުގައި ހުރި ސިއްހީ ފެސިލިޓީޒްގެ 45 ޕަސެންޓް މަސައްކަތް ނުކުރާ ކަމަށެވެ.
ރެޑް ކްރޮސްގެ އޮޕަރޭޝަންސް ޑިރެކްޓަރު ޑޮމިނިކް ސްޓިލްހާޓް ވިދާޅުވީ އެޕްރީލް 27 އާއި މެއި 13 އާ ދެމެދު ޔަމަނުން ކޮލެރާ ޖެހިގެން 115 މީހުން މަރުވެފައިވާ ކަމަށެވެ.
މިއީ އަހަރެއްހާ ދުވަހު ތެރޭ ޔަމަނުގައި ކޮލެރާ ފެތުރެން ފެށި ދެ ވަނަ ފަހަރެވެ.