މާދުރީގެ ލޯބީގެ ސިއްރުތައް ސެކްރެޓަރީ ކިޔައިދީފި
މާދުރީގެ ލޯބީގެ ސިއްރުތައް ސެކްރެޓަރީ ކިޔައިދީފި

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ބަތަލާ މާދުރީ ޑިކްޝިޓްގެ އުމުރުން އިއްޔެ 50 އަހަރު ފުރުނު އިރު މި ދުވަސްވަރު އިންޑިއާގައި ވަނީ އޭނާގެ ޒުވާން ދުވަސްވަރުގެ ލޯބީގެ ވާހަކަތައް އަލުން ދެކެވެން ފަށައިފަ އެވެ.

މާދުރީގެ އުފަން ދުވަހާ ދިމާކޮށް އޭނާގެ ފިލްމީ ހަޔާތުގެ މުހިއްމު ވާހަކަތަކެއް އޭނާގެ ކުރީގެ ސެކްރެޓަރީ ވަނީ ހާމަ ކޮށްފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ފިލްމީ ތަރިންނާއި މާދުރީގެ ލޯބީގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ.

މާދުރީއާ އެންމެ ބޮޑަށް އަޅުވާ ކިޔާފައި ވަނީ ސަންޖޭ ދަތާ އެވެ. އެ ދުވަސްވަރު މީޑިއާތަކުން ފެތުރި ޚަބަރުތަކުގައި ބުނެފައިވާ ގޮތުން މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސަންޖޭ ދަތު ޖަލަށް ލުމާ ހަމައަށް އޭނާ އާއި މާދުރީގެ މެދުގައި ލޯބީގެ ގުޅުން އޮތެވެ. ނަމަވެސް މާދުރީގެ ސެކްރެޓަރީ އެއްގެ ގޮތުގައި އޭނާއާ އެކު 28 އަހަރު މަސައްކަތްކުރި ރިއްކޫ ރާކޭޝް ނާތު ބުނީ މާދުރީއާ އެކު ފިލްމު ކުޅުނު ބައެއް އެކްޓަރުންނާއި މާދުރީއާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރާފައި ވަނީ ޕްރޮޑިއުސަރުން ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި މިތުން ޗަކްރަބަތީ، ޖެކީ ޝްރޮފް އަދި ސަންޖޭ ދަތު ފަދަ އެއްވެސް އެކްޓަރަކާ މާދުރީ ލޯބީގެ ގޮތަކުން ނުގުޅެ އެވެ.

މާދުރީގެ 50 ވަނަ އުފަން ދުވަހާ ދިމާކޮށް ރެޑިފްގައި އި ލިޔެފައިވާ އާޓިކަލެއްގައި ރިއްކޫ ވަނީ މާދުރީއާ އެކު މަސައްކަތްކުރި ދުވަސްތަކުގެ ތަޖުރިބާތައް ކިޔުންތެރިންނާ ހިއްސާ ކޮށްފަ އެވެ. އެއީ "އަބޯދް" ރިލީޒް ވީއްސުރެ އޭނާ ވަޒީފާއިން ވަކިކުރުމާ ހަމައަށެވެ.

ރިއްކޫ ބުނި ގޮތުގައި މާދުރީއާ ބެހޭ ގޮތުން ފެތުރުނު ހުރިހާ ނޭދެވޭ ވާހަކަ ތަކަކީ ޕްރޮޑިއުސަރުން އެމީހުންގެ ފިލްމުތައް ހިންގުވަން ރާވައިގެން ފެތުރި ވާހަކަ ތަކެކެވެ.

އޭނާ ބުނި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ސަންޖޭ ދަތާއި މާދުރީއާ އަޅުވާ ކިޔާފައި ވަނީ އެމީހުން އެކުގައި ގިނަ ފިލްމުތަކެއް އެއް ދުވަސްވަރެއްގައި ކުޅެ އެ ފިލްމުތަކަށް ވަރަށް ބޮޑު ކާމިޔާބެއް ވެސް ލިބިފައިވާތީ އެވެ.

މާދުރީ ވަނީ 1987 އިން 1993 އާ ދެމެދު ސަންޖޭ ދަތާއެކު ނުވަ ފިލްމު ކުޅެފަ އެވެ. އެއީ "ޒަމީން" (1987)، "ޚަތުރޯންކީ ކިލާޅީ" (1988)، "ގާނޫން އަޕްނާ އަޕްނާ" (1989)، "އިލާކާ" (1989)، "ތާނޭދާރް (1990)، ސާޖަން (1991)، ކަލްނާޔަކް (1993)، ސާހިބާ (1993)، އަދި ޖައި ދޭވާ (1993) އެވެ.
އަދި 1997 ގައި ވެސް އެމީހުން އެކުގައި "މަހާންތާ" ކިޔާ ފިލްމެއް ކުޅުނެވެ. ނަމަވެސް މިފިލްމު ވެގެން ދިޔައީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވި ފިލްމަކަށެވެ.