15 މެއި 2017 - 13:40

ވޮޝިންޓަން (މެއި 15) - ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގެ 200،000 ކޮމްޕިއުޓާ ނެޓްވޯކަށް އަމާޒުކޮށް ހުކުރު ދުވަހު ދިން ސައިބާ ހަމަލާ އަކީ ހޭލަން ދިން ވަރުގަދަ އިންޒާރެއް ކަމަށް މައިކްރޯސޮފްޓުން ބުނެފި އެވެ.
ސަރުކާރުތަކުން ޑޭޓާ ރައްކާތެރި ކުރާ އިރު ސަމާލުވާން ޖެހޭ ކަމަށާއި ސެކިއުރިޓީ އަށް ނުވިސްނާ ނަމަ އެ މައުލޫމާތަށް ހެކަރުން ވަދެގަންނާނެ ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެ އެވެ.
ހުކުރު ދުވަހު ދިން ރެންސަމްވެއާ ހަމަލާގައި ފައިލްތަކުގެ ކޮންޓްރޯލް ގެއްލި އަލުން އެކްސްވުމަށް 300 ޑޮލަރު ދެއްކުމަށް ޑިމާންޑްކޮށްފައިވެ އެވެ. އަދި މި ފައިސާ ހަތް ދުވަހު ތެރޭ ނުދައްކައިފި ނަމަ ފައިލްތައް ޑިލީޓްކޮށްލާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. މި ހަމަލާގައި އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މީގެ އިތުރުން ޖަރުމަނުގެ ރެއިލް ނެޓްވޯކް ޑޯޝޭ ބާން، ސްޕޭނުގެ ޓެލެކޮމް އޮޕަރޭޓަރު ޓެލެފޯނިކާ، ފްރާންސްގެ ކާރު އުފައްދާ ރިނޯލްޓް، އެމެރިކާގެ ފެޑެކްސް އަދި ރަޝިޔާގެ ދާޚިލީ ވުޒާރާ އަށް ވަނީ ސައިބާ ހަމަލާ އަމާޒުކޮށްފަ އެވެ.
މި ހަމަލާ ހުއްޓުވާފައި ވަނީ އިނގިރޭސި ވިލާތުގެ 22 އަހަރުގެ މާކަސް ހަޗިންސް ނުވަތަ މެލްވެއާޓެކް އެވެ. އޭނާވަނީ ރެންސަމްވެއާގައި ހިމެނޭ ޑޮމެއިން ނަމެއް ރަޖިސްޓްރީކޮށް ވައިރަސް ފެތުރޭ ގޮތް ހޯދައިފަ އެވެ. އޭގެ ސަބަބުން އެ ހަމަލާ ހުއްޓުމަކަށް ގެނެވުނެވެ.
ޔޫރޮޕޯލް އިން ބުނީ ރެންސަމްވެއާ ޑިޒައިންކޮށްފައި ވަނީ އެއް ކޮމްޕިއުޓަރަށް ވައިރަސް ފޮނުވާލުމަށް ފަހު މުޅި ނެޓްވޯކަށް ފަތުރާލާ ގޮތަށް ކަމަށެވެ.