15 މެއި 2017 - 11:21

މިލާން (މެއި 15) – ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ހޯދުމަށް އިންޓަ މިލާނުން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޓަ އިން ފުރަތަމަ މަސައްކަތް ކުރީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނާށެވެ. އޭނާ އަށް ބޮޑު އޮފާއެއް ވެސް ހުށަހެޅި ކަމަށްވެ އެވެ. އެކަމަކު އެންމެ ސީޒަނަކަށް ފަހު އޭނާ ޗެލްސީ ދޫކޮށްނުލާނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ.
ސްކައި އިޓާލިއާ އިން ބުނި ގޮތުގައި އިންޓަ ހިންގާ ޗައިނާގެ ސުނިން ގްރޫޕުން ވަނީ ޕޮޗެޓީނޯ އަށް އަމާޒު ހިފައިފަ އެވެ. އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަންނަނީ ޓޮޓެންހަމާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގަށް އެންމެ ބޮޑަށް ވާދަކުރީ ވެސް އެ ޓީމެވެ.
ޕޮޗެޓީނޯ އަށް އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައެއްދޭން އިންޓަ އިން ތައްޔާރުކަމަށްވެ އެވެ. ޕޮޗެޓީނޯގެ އިތުރުން އިންޓަ އިން ޝައުގުވެރިވާ ކޯޗުންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑުގެ ޑިއޭގޯ ސިމިއޯނީ އަދި ރޯމާގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ހިމެނެ އެވެ.
ބާކީ ތިން މެޗު އޮއްވާ ސްޓެފާނޯ ޕިއޯލީ ވަކިކުރުމަށް ފަހު ޔޫތު ޓީމުގެ ކޯޗާ އެކު ރޭ އިންޓަ ވަނީ އިޓާލިއަން ލީގުގައި ސަސުއޮލޯ އަތުން 2-0 އިން ބަލިވެފަ އެވެ. ރޭގެ މެޗުގެ ވަކި ހިސާބަކުން އިންޓަގެ ސަޕޯޓަރުން ވަނީ ދަނޑުން ނުކުމެފަ އެވެ. އެއީ ދަށް ނަތީޖާތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.
މިދިޔަ ނޮވެމްބަރު މަހު އިންޓަގެ ކޯޗުކަމާ ޕިއޯލީ ހަވާލުވީ ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާއާ އެކު އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުންނެވެ. ޕިއޯލީ ހަވާލުވެ އިންޓަގެ ފޯމް ރަނގަޅުކުރި ނަމަވެސް ފަހަކަށް އައިސް ނަތީޖާތައް ދަށްވެ، މޮޅެއް ނުލިބި ހަތް މެޗު ވަނީ ގޮސްފަ އެވެ. ތާވަލުގެ ހަތް ވަނައިގައި އޮތްއިރު އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގެ ޖާގައެއް ލިބުމުގެ ފުރުސަތު ކުޑަ އެވެ.