މިއީ އަދި ފެށުމެއް: ކޮންޓޭ
މިއީ އަދި ފެށުމެއް: ކޮންޓޭ

ލަންޑަން (މެއި 15) – ޕްރިމިއާ ލީގު ކާމިޔާބުކުރެވުނަސް ޗެލްސީ އަށް އަދިވެސް އިތުރު ކުރިއެރުން ހޯދޭނެ ކަމަށާއި ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން މަޑުކުރުވަން މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އެ ޓީމުން އިންގްލެންޑުގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ހޯދީ ހުކުރު ދުވަހުގެރޭ ވެސްޓް ބްރޮމް އަތުން 1-0 އިން މޮޅުވެގެންނެވެ.

ކޮންޓޭ ގެންދަން އިޓަލީގެ އިންޓަ މިލާނުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނައިރު އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި މިޑްފީލްޑަރު އެޑިން ހަޒާޑް ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. ކޮސްޓާ ޗައިނާ އަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު ހަޒާޑް ގެންދަން ރެއާލް މެޑްރިޑް ބޭނުންވެ އެވެ.

"މި ކުޅުންތެރިންނާ އެކު ކުރިއަށް ދެވިއްޖެ ނަމަ އިތުރު ކުރިއެރުން ލިބޭނެ،" އަދި ކިރިޔާ މަސައްކަތް ފެށީ ކަމަށް އިޝާރާތްކޮށް ކޮންޓޭ ބުންޏެވެ. "މިހާރު ކުޅުންތެރިންނަށް އެނގޭނެ އަހަރެންގެ ވިސްނުން. އަހަންނަށް އެ ކުޅުންތެރިން އެނގޭނެ. ކުޅުންތެރިންގެ ސިފަތަކާއި މި ހުރިހާ ކަމެއް އެނގިއްޖެ. އެހެންކަމުން ދެން އިތުރު ކުރިއެރުން ހޯދޭނެ."

ކޮންޓޭ ބުނީ ކްލަބުން ބޭނުންވަނީ ވާދަކުރާ ހުރިހާ ތަށްޓެއް ކާމިޔާބުކުރަން ކަމަށާއި އޭނާ އާއި ކުޅުންތެރިންގެ އަމާޒަކީ ވެސް އެއީ ކަމަށެވެ.

"އެ ސަބަކަށްޓަކައި އަހަރެމެން މަސައްކަތްކުރާނަން މުހިއްމު ކުޅުންތެރިން ބައިތިއްބަން،" ކޮންޓޭ ބުންޏެވެ.

ޗެލްސީ އަށް ދެން އޮތް ބޮޑު މެޗަކީ އެފްއޭ ކަޕުގެ ފައިނަލުގައި މި މަހުގެ 27 ގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައިވާ ޗެލްސީން އާ ސީޒަނަށް ކުޅުންތެރިން ގަތުމަށް ބޮޑު ހޭދައެއްކުރާނެ ކަމަށް ލަފާކުރެވެ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ރާއްޖެ ގަޑިން 00:00 ގައި އެ ޓީމު އަމިއްލަ ދަނޑުގައި ނުކުންނާނީ ވެޓްފޯޑާ ދެކޮޅަށެވެ.