އަހަރީ ޗުއްޓީ އާއި ވިހެއުމުގެ ޗުއްޓީގައި ތިބި މީހުންނަށް ރޯދަ އިނާޔަތް ލިބޭނެ: ފިނޭންސް
އަހަރީ ޗުއްޓީ އާއި ވިހެއުމުގެ ޗުއްޓީގައި ތިބި މީހުންނަށް ރޯދަ އިނާޔަތް ލިބޭނެ: ފިނޭންސް

ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، ޕޭ ލީވްގައި އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުުންނަށް ރޯދަ މަހުގެ އެލަވަންސް ކުރިން ވެސް ނުދޭ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އެކަމަކު އެ މިނިސްޓްރީން ބުނީ އަހަރީ ޗުއްޓީ އާއި ވިހެއުމުގެ ޗުއްޓީގައި ތިބި މީހުންނަށް ރޯދަ އިނާޔަތް ލިބޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ރޯދަ އިނާޔާތާ ގުޅޭ ސާކިއުލާއަށް ބިނާކޮށް މީޑިއާގައި ޖެހި ހަބަރަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ އިނާޔަތް ވެސް ދެނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް އަމަލުކުރަމުން އައި ގޮތަށް ކަމަށެވެ. އެ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީސްތަކުގައި ޕޭ ލީވާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް މީގެ ކުރިން ވެސް ރޯދަ އެލަވަންސް ދީފައިނުވާނެ ކަމަށެވެ. ނަމަވެސް އަހަރީ ޗުއްޓީ އާއި ވިހެއުމުގެ ޗުއްޓީގައި ތިބި މީހުންނަށް ރޯދަ އިނާޔަތް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނި ގޮތުގައި ސާކިއުލާއާ ގުޅުވައިގެން މީޑިއާ އިން ފެތުރި ހަބަރުތަކުން އާންމުންނަށް އޮޅުންތަކެއް އެރި ކަމަށެވެ.

އެ ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތް ދޭނީ މި މަހުގެ މުސާރައާ އެކު ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން "ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް" ވެސް ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެ އެވެ. ބިދޭސީ މުސްލިމް މުވައްޒަފުންނަށް އެލަވަންސް ދިނުން ދޫކޮށްލާފައި ވަނީ ވަޒީފާ ދޭ ފަރާތުގެ އިޚްތިޔާރަށެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް މީލާދީ ގޮތުން ދިމާވަނީ މި މަހު 27 ވަނަ ދުވަހަށެވެ.