15 މެއި 2017 - 10:54

ރޯމް (މެއި 15) – އޭއެސް ރޯމާ އަތުން 3-1 އިން ބަލިވެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރަން ޔުވެންޓަސް އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
އެކަމަކު އަދިވެސް އެއް ވަނައިގައި 85 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ. އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ކްރޮޓޯނޭ އަތުން މޮޅުވެގެން އެ ޓީމަށް ލީގު ކަށަވަރުވާނެ އެވެ. އެ ޓީމަށް ލީގު ހޯދަން ދެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ބާކީ ދެ މެޗު އޮތްއިރު ރޯމާ ދެ ވަނައިގައި އޮތީ 81 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ލީގު ހޯދުމުގެ އަމިއްލަ ބާރެއް ނެތެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައިވާ ޔުވެންޓަސް ބުދަ ދުވަހުގެރޭ އިޓާލިއަން ކަޕުގެ ފައިނަލުގައި ލާޒިއޯއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ ޓީމަށް ވަނީ މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު ލިބިފަ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސްގެ މާރިއޯ ލެމީނާ ވަނީ ލީޑު ނަގައިފަ އެވެ. ރޯމާ އަށް އެއްވަރުކޮށްދިނީ 25 ވަނަ މިނެޓުގައި ޑެނިއަލް ޑި ރޮސީ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 65 ވަނަ މިނެޓުގައި ސްޓެފަން އައް ޝާރަވީ އެވެ. ތިން ވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖެހީ ރަޖާ ނައިންގޯލާން އެވެ.