15 މެއި 2017 - 09:25

މެޑްރިޑް (މެއި 15) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު ސެވިއްޔާ އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.
އެކަމަކު އަދިވެސް 87 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ރޭ ނޭމާގެ ހެޓްރިކާ އެކު ލަސް ޕަލްމަސް އަތުން 4-1 އިން މޮޅުވި ބާސެލޯނާ އެވެ. ދެ ޓީމަށް ވެސް 87 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ ކުރީގައި އޮތީ ދެ ޓީމު ކުޅުނު މެޗުގެ ނަތީޖާ އިން ކުރި ލިބޭތީ އެވެ.
ލީގުގައި ބާސެލޯނާ އަށް ބާކީ އެއް މެޗު އޮތްއިރު ރެއާލް މެޑްރިޑަށް ދެ މެޗު އެބައޮތެވެ. ކުރިއަށް އޮތް މެޗުން ބާސެލޯނާ މޮޅުވި ނަމަވެސް އަނެއް ދެ މެޗުން ރެއާލް މެޑްރިޑް ހަތަރު ޕޮއިންޓް ހޯދައިފި ނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ބާސެލޯނާ އަށް ލީގު ލިބޭނީ އެ ޓީމު މޮޅުވެ ރެއާލް މަދުވެގެން އެއް މެޗުން ބަލިވެގެންނެވެ.
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ނަޗޯ އެވެ. ދެ ވަނަ ލަނޑު 23 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހާފައިވަނިކޮށް ސެވިއްޔާގެ ސްޓެވަން ޖޮވެޓިޗް ވަނީ ތަފާތު ކުޑަކޮށްދީފަ އެވެ. މެޑްރިޑުގެ ތިން ވަނަ ލަނޑު 78 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހިއިރު ފަހު ލަނޑު 84 ވަނަ މިނެޓުގައި ވައްދާލީ ޓޯނީ ކްރޫޒެވެ.
ރަށުން ބޭރުގައި ބާސެލޯނާ މޮޅުވިއިރު 25 ވަނަ މިނެޓުގައި ނޭމާ ވަނީ ލީޑު ނަގައިދީފަ އެވެ. އޭގެ ދެ މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ ލުއިސް ސުއަރޭޒެވެ. ލަސް ޕަލްމަސް އިން ތަފާތު ކުޑަކޮށްފައިވަނިކޮށް މެޗުގެ ފަހުކޮޅު ނޭމާ ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.