15 މެއި 2017 - 05:55

ސްމާޓްފޯނުތައް ބޮޑެތި ވެއްޖެ އެވެ. ހުރިހާ ބާރުތަކެއް ދެވިއްޖެ އެވެ. އެކަމަކު އެ ބާރުތައް ދަމަހައްޓާނެ ބެޓެރީއެއް އަދި އެކަކަށް ވެސް އީޖާދެއް ނުކުރެވެ އެވެ. ދެއިރު ދަޅަ އަށް ބެޓެރީ ޗާޖުކުރަން ނުޖެހޭ ފޯނެއް މަދެވެ. ޚާއްސަކޮށް ބާރުގަދަ ފޯނުތަކުގެ ތެރޭގަ އެވެ.
ސްމާޓްފޯން ސިނާއަތަށް ކުއްލި ބަދަލެއް ގެންނަން އެދޭ ނަމަ، އެ ބަދަލު ފެންނުމަށް ގިނަ މީހުން އެދެނީ ބެޓެރީންނެވެ. ޒަމާނަށް ދޫނުކުރާ ވަރުގެ ސްމާޓް ބެޓެރީއެއް، ކޮންމެވެސް ތަނަކުން މިހާރު ނެރެންވެއްޖެ އެވެ.
ބިން ގުޑާ ވަރުގެ މޮޅު ބެޓެރީއެއްގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. މި އޮތީ ވެސް އެ ކަހަލަ ވާހަކައެކެވެ. ބެޓެރީއާ ބެހޭ ޓެކްނިކަލް ތަފުސީލެއް އަދި ނޭނގެ އެވެ. ބެޓެރި އުފެއްދި މީހުން ބުނާ ގޮތުގައި، ފަސް މިނެޓުން ފުލް ޗާޖުކުރެވެ އެވެ.
ސްމާޓްފޯން ބެޓެރީ ފަސްމިނެޓުން ޗާޖުކުރެވޭ ޓެކޮނޮލޮޖީއެއް ހޯދައި ގޮތް ބަލަމުން އަންނަ ކަމަށް ބުނީ އިޒުރޭލު ކުންފުންޏަކުންނެވެ. އެއީ "ސްޓޯޑޮޓް" އެވެ
ސްޓޯޑޮޓް އިން ވަރަށް ގަދަ ބުނެ އެވެ. އެ ކުންފުނިން އުފެއްދި ބެޓެރީގައި އެ ބުނާ ގާބިލުކަން ހުރި ކަމަށް ބުނެ ވަކާލާތުކުރެ އެވެ. ފަސް މިނެޓުން ސްމާޓްފޯނު ބެޓެރީއެއް ފުލް ޗާޖުކުރެވުމަކީ ބޮޑު ކާމިޔާބެކެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ މީހުން އެކަމާ މެދު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އެ ވަރުގެ ބެޓެރީއެއް އުފެއްދިދާނެ ކަމާ މެދު އެ މީހުން ތިބީ ދެ އަތަށް ކިރި ކިރި އެވެ. އެ މީހުން ގަބޫލުކުރާ "ތިއަރީ"ތައް ބުނާ ގޮތުގައި، ސްޓޯޑޮޓް އިން ބުނާ ގޮތަކަށް އެ ކަމެއް ނުވާނެ އެވެ.
ސްމާޓްފޯން ސިނާއަތުގައި މިހާރު ވެސް "ކްއިކް ޗާޖް"، "ފާސްޓް ޗާޖް" އަދި "ޑޭޝް ޗާޖް" ވެސް އެބަ އުޅެ އެވެ. މިއީ މުޅިން ވެސް ބެޓެރީ އަވަހަށް ޗާޖްކުރަން ބޭނުންކުރެވޭ ޓެކްނޮލޮޖީ އެވެ. އެކަމަކު އެއިން އެއްވެސް ޓެކްނޮލޮޖީއެއްގެ ސަބަބުން، ޒަމާނުއް ސުރެ ބޭނުންކުރެވޭ ބެޓެރީ އަށް ބަދަލުތަކެއް ނުގެނެ އެވެ.
ސްޓޯޑޮޓް އިން ދައްކާ ވާހަކައިން ދޭހަވަނީ ތަފާތު މާނައެކެވެ. އެ މީހުން އަތުގައި، ފަހަރެއްގައި އެ ޓެކްނޮލޮޖީ ހުރެދާނެ އެވެ. އެކަމަކު ގަބޫލުކުރެވެނީ ބެޓެރީގެ ކެމިކަލް ބައިތައް ވެސް ތަފާތުވާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ ޗާޖަރުތަކުގައި ވެސް ތަފާތުތަކެއް ހުންނާނެ އެވެ. ޖީބަށް ވެސް ބުރަ ވާނެ އެވެ.
ސްޓޯޑޮޓް އިން ބުނާ ގޮތުގައި، އަންނަ އަހަރު ކޮންމެ ވެސް ހިސާބެއްގައި، އާންމުކޮށް އަތުޖެހޭ ފަށަށް ބެޓެރީތައް އަންނާނެ އެވެ. ބެލެވެނީ ބޭނުންކުރަން ވެސް ލިބޭނެ ކަމަށެވެ. އެ ކުންފުނިން މިހާރު ކުރާ މަސައްކަތަކީ، ބެޓެރީތައް ގަނޑުކޮށް އުފެއްދުމަށްޓަކައި ބޭނުންވާ މެޝިންތަކާއި ކެމިކަލްތައް ޖަމާކުރުމެވެ. އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަކީ ވެސް އެޖެންޑާގައި އޮތް އައިޓަމެކެވެ.