14 މެއި 2017 - 20:58

ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ވޭލްސްގައި ކުޅުމަށް ފަހު އެނބުރި ރާއްޖެ އައިސް ކުރީގެ ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޕްރެކްޓިހާ މިރޭ ގުޅިއްޖެ އެވެ.

މިކަމާ ބެހޭގޮތުން ނިއު އިން ވެސް އަދި އޮއްޕޮ ވެސް ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އޮއްޕޮ ނިއުގެ ޕްރެކްޓިހާ ގުޅުނީ، ނިއު އަށް މި އަހަރު ކުޅޭ ގޮތަށެވެ. އެކަމަކު ޓީމު ލިސްޓުގައި އޭނާގެ ނަން ޖެހޭނީ ޖުލައި 14 ގައި ހުޅުވޭ މިޑް ސީޒަން ޓްރާންސްފާގަ އެވެ.
އޮއްޕޮ ގެންދަން ނިއުގެ އިތުރުން އެހެން ކްލަބަކުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ދެ ވަނަ ހޯދި ނިއު އިން ތަޖުރިބާކާރު މިޑްފީލްޑަރެއް ހޯދިއިރު، އެ ޓީމުގެ ބިދޭސީ ދެ މިޑްފީލްޑަރުންނަށް އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އެއީ ނެދަލެންޑްސްގެ ޖަމީލް ލީފްލެންގް އަދި ޖަޕާން މިޑްފީލްޑަރު ކެއިސޫކޭ އޮގާވާ އެވެ.
ނިއު އަށް 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުޅުމަށް ފަހު މިދިޔަ އަހަރާއި މި އަހަރު އޮއްޕޮ ކުޅުނީ ވޭލްސްގަ އެވެ. އެގޮތުން ވޭލްސްގެ ހަ ވަނަ ޑިވިޝަނުގެ ބޮޑޯގަން އެފްސީ އަށް މިދިޔަ އަހަރު ކުޅުމަށް ފަހު މި އަހަރު ކުޅުނީ އެއަށް ވުރެ މަތީ ޑިވިޝަނެއްގެ ޓީމަކަށެވެ.
ނިއު ލެގޫންސް އިން 2000 ވަނަ އަހަރު ކެރިއަރު ފެށުމަށް ފަހު އައިއެފްސީ އަށް ތިން އަހަރު ކުޅުނު އޮއްޕޮ ނިއުއާ އެންމެ ފުރަތަމަ ގުޅުނީ 2004 ގަ އެވެ. ޖެހިގެން އައި އަހަރު އެ ޓީމުން އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު އޮއްޕޮ މުހިއްމު ދައުރެއް އަދާކުރި އެވެ.
އޭގެ ފަހުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގިނަ ދުވަސްތަކެއް ކުޅުމަށް ފަހު އެނބުރި ނިއު އަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އެއް ސީޒަން ކުޅުމަށް ފަހު ޖެހިގެން އައި އަހަރު ފެނުނީ ބީޖީ ސްޕޯޓްސް އިންނެވެ. އެކަމަކު 2014 ވަނަ އަހަރު އަލުން ނިއުއާ ގުޅުނެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވަނިކޮށް 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތުގައި ގައުމީ ޓީމަށް ކުޅެ ބަންގްލަދޭޝް ކޮޅަށް ލަނޑު ޖެހި ފޯވާޑަކީ ދެކުނު އޭޝިއާގެ މުބާރާތްތަކުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިއާ އެވެ. އޭނާ ވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ރާއްޖެ ގެންގޮސްދިނުމަށް ސެމީ ފައިނަލުގައި ޕާކިސްތާން ކޮޅަށް ލަނޑު ޖަހައިފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭން ތަށި ހޯދިއިރު، ސެމީ ފައިނަލުގައި ސްރީ ލަންކާ ކޮޅަށް ގޯލް ޖެހީ ވެސް އޭނާ އެވެ.