14 މެއި 2017 - 19:49

ތެހެރާން (މެއި 14) - އީރާނުގެ އުތުރުގެ ހިސާބުތަކަށް 5.7 ގެ ބާރު މިނުގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ.
ތުރްކްމެނިސްތާން ބޯޑަރާ ކައިރީގައި އޮންނަ ސަރަހައްދުތަކަށް އައި ބިންހެލުމުގައި މިހާތަނަށް ދެ މީހުން މަރުވެ 370 މީހުން ވަނީ ޒަޚަމްވެފަ އެވެ. މީގެ ތެރޭން 177 މީހަކަށް ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. އެމެރިކާގެ ޖިއޮލޮޖޮކަލް ސާވޭ އިން ބުނެފައި ވަނީ ބިން ހެލުން އައިސްފައި ވަނީ 12.5 ކިލޯ މީޓަރު އަޑިން ކަމަށެވެ. ބިންހެލުމުގައި ވަރަށް ގިނަ އިމާރާތްތައް ހަލާކުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ބިންހެލުން އައި ސަރަހައްދުގެ 14 އަވަށަކަށް 70 ޕަސެންޓް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ބިންހެލުމުގައި މީހުން ހޯދުމަށް 37 ޓީމެއް ފޮނުވާފައިވާ ކަމަށް ރެޑް ކްރެސެންޓުން ވަނީ ބުނެފަ އެވެ.
އީރާނަށް 2003 ވަނަ އަހަރު އައި ބިންހެލުމުގައި ވަނީ ތާރީޚީ ސިޓީއެއް ކަމަށްވާ ބާމް އެކުގައި ބިމާ ހަމަވެފަ އެވެ. އަދި 26،000 މީހުން ވަނީ މަރުވެފަ އެވެ. އަދި ރިކްޓާ މިންގަނޑުން 6.1 ގެ ބާރު މިނުގައި މިދިޔަ މަހު އައި ބިންހެލުމުގައި މަޝްހަދު ސިޓީން ވަނީ ދެ މީހުން މަރުވެފަ އެވެ.