14 މެއި 2017 - 19:28

ބެއިޖިން (މެއި 14) - އުއްމީދީ އިގްތިސާދީ ޕްލޭނެއް ކަމަށް ޗައިނާ އިން އިއުލާންކޮށްފައިވާ ސިލްކް ރޫޓް ޕްރޮޖެކްޓުގެ ދަށުން ބަނދަރުތަކާއި މަގުތައް އަދި ރޭލް ނެޓްވޯކްތައް ގާއިމް ކުރަން ޗައިނާ އިން 124 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފި އެވެ.
ޗައިނާގެ މިއަދު ފެށި ސިލްކް ރޫޓް ފޯރަމް ނުވަތަ ބެލްޓް އެންޑް ރޯޑް ސްކީމުގެ ބައްދަލުވުމުގައި ރައީސް ޝީ ޗިންޕިން ވިދާޅުވީ އިގްތިސާދީ ތަރައްގީގެ އިންޖީނަކީ ވިޔަފާރި ކަމަށެވެ. ސިލްކް ރޫޓް މަޝްރޫއުގެ ދަށުން ޗައިނާ އިން ވަނީ އޭޝިއާ، އެފްރިކާ، ޔޫރަޕް ވިޔަފާރިން ގުޅުވާލާނެ މަގެއް ތައާރަފްކޮށްފަ އެވެ. މި މަޝްރޫއުގައި ބައިވެރިވާ ތަރައްގީވެފައިވާ ގައުމުތަކަށް 9 ބިލިއަން ޑޮލަރު ހޭދަކުރަން ޗައިނާ އިން ވަނީ ނިންމައިފަ އެވެ. އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް އެހީވުމަށް 2014 ވަނަ އަހަރު ގާއިމްކުރި ސިލްކް ރޫޓް ފަންޑަށް ޗައިނާ އިން 100 ބިލިއަން ޔޫއާން (14.5 ބިލިއަން ޑޮލަރު) ދޭނެ އެވެ. މީގެ އިތުރުން ސިލްކް ރޫޓް މަޝްރޫ އަށް އެހީވުމަށް ޗައިނާގެ ދެ ބޭންކަކުން 380 ބިލިއަން ޔޫއާން (55 ބިލިއަން ޑޮލަރު) ގެ ލެންޑިން ސްކީމެއް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.
ސިލްކް ރޫޓް ފޯރަމްގައި ބައިވެރިވާ 29 ގައުމުގެ މަންދޫބުންނަށް އިޝާރަތް ކުރައްވާ ޝީ ޖިންޕިން ވިދާޅުވީ ޗައިނާގެ ބޭނުމަކީ ދުނިޔެ އަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ ދާޚިލާ ކަންކަމާ ޗައިނާ އިން ނުބެހޭނެ ކަމަށް ޝީ ވިދާޅުވި އެވެ. މީގެ އިތުރުން އެމަނިކުފާން ވިދާޅުވީ ޗައިނާގެ ބޭނުމަކީ ތަރައްގީގައި ޗައިނާގެ ތަޖްރިބާ އެހެން ގައުމުތަކާ ހިއްސާ ކުރުން ކަމަށެވެ.