14 މެއި 2017 - 15:53

ނިއު ދިއްލީ (މެއި 14) - އިންޑިއާގެ މުސްލިމުން ވަރިކުރަން ގެންގުޅޭ އުސާލާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތައް ބަލައިގަނެ އެ މައްސަލައިގެ އަޑު އެހުންތައް އެންމެ ފަހުން ފަށައިފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން ބުނީ އިންޑިއާގައި ވަރިކުރަން ތިން ފަހަރު ވަރީގެ ލަފުޒް ބޭނުންކުރާ މައްސަލަ ދިރާސާ ކުރާނެ ކަމަށެވެ. އިންޑިއާ އަކީ ވަރީގެ ބަސް ތިން ފަހަރު ބުނެގެން ވަރިކުރާ މަދު ގައުމުތަކުގެ ތެރޭން ގައުމެކެވެ.
މުސްލިމް ޖަމާއަތްތަކުން ވަނީ ދީނީ މައްސަލައެއްގެ ތެރެއަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނާޒުކް މައްސަލަ ބަލަމުން ދަނީ ތަފާތު ދީންތަކަށް ނިސްބަތްވާ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ހިންދޫ، ސިކް، ކްރިސްޓިއަން، ޒޮރޮސްޓްރިއަން އަދި މުސްލިމް ފަނޑިޔާރުން ހިމެނޭ ބެންޗެކެވެ. މި ބެންޗު އެކުލަވާލީ މުސްލިމް އަންހެނުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ކޯޓަށް ހުށަހެޅި ޕެޓިޝަންތަކާ ގުޅިގެންނެވެ.
ކޯޓުން މިހާރު ވަނީ ވަރީގެ އުސޫލުގެ މައްސަލާގައި ވަކާލާތު ކުރާ ދެ ފަރާތަށް ވެސް މައްސަލާގައި ވާހަކަ ދައްކަން ތިން ދުވަސް ދީފަ އެވެ. އަޑުއެހުންތައް ނިންމާލާނީ މި މަހު 19 ގަ އެވެ. އަދި އެއަށް ފަހު ކުރިއަށް އޮތް ހަފުތާތަކުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ އެވެ.
އިންޑިއާ ސަރުކާރުން ކޯޓުގައި ބުނެފައި ވަނީ ތިން ފަހަރު ވަރި ކުރަން ބުނުމަކީ ގާނޫނު އަސާސީއާ ޚިލާފު، އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ ކަމެއް ކަމަށެވެ. މުސްލިމް ޖަމާއަތްތަކުން ބުނެފައި ވަނީ އެއީ އަގީދާއާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އެހެންވެ ކޯޓަކުން އެ މައްސަލަ ބަލަން ނުޖެހޭނެ ކަމަށެވެ.
ތިން ފަހަރު ވަރީގެ ބަސް ބުނުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި މީހެއް ކަމަށްވާ ޝަޔަރާ ބާނޯ ބުނީ އޮކްޓޯބަރު 2015 ގައި އުތުރުގެ އުއްތަރަކާންދުގައި ދިރިއުޅޭ މައިންބަފައިންގެ ގާތަށް ބޭސް ފަރުވާ އަށް ގޮސް ހުއްޓާ، ފިރިމީހާ ވަނީ ސިޓީއެއް ފޮނުވާ ވަރި ކުރި ކަމަށް ބުނެފަ އެވެ. ފަނަރަ އަހަރު އެކުގައި ކައިވެނިކޮށްގެން އުޅުނު ފިރިމީހާއާ ގުޅަން އޭނާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އޭނާގެ ފޯނު ވަނީ ނިއްވާލާއިފަ އެވެ. މި މައްސަލާގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައި، ތިން ފަހަރު ވަރިކުރުން މަނާކޮށް ދިނުމަށް އެދިފަ އެވެ.
މިއީ އިންޑިއާގައި އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ ކަމެއް ނަމަވެސް އެއީ ޝަރީއަތުގައި އޮންނަ ގޮތް ނޫން ކަމަށް އިންޑިއާގެ ދީނީ އިލްމުވެރިން ބުނެ އެވެ. އަދި ވަރިކުރަންވީ ގޮތް އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށް ވެސް އިލްމުވެރިން ބުނެ އެވެ.
އެކްޓިވިސްޓުން ބުނާ ގޮތުގައި ވަރީގެ ބަސް ތިން ފަހަރު ބޭނުން ކުރުން ވަނީ ޕާކިސްތާން، ބަންގްލަދޭޝް ފަދަ ގައުމުތަކުގައި މަނާކޮށްފަ އެވެ.