15 މެއި 2017 - 05:54

ޑޮކްޓަރަށް ދައްކައި، އެއްވެސް ބައްޔެއް ހުރިތޯ ޗެކްކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް ބަލިތައް ހުރިތޯ ބަލަން މީހުން ކޮށް އުޅޭ ތަފާތު ކަމެއް އޮވެ އެވެ. އެއީ ސަމުސާ ޓެސްޓެވެ.
ވަރަށް އާދައިގެ ޓެސްޓެއް ނަމަވެސް ބައެއް ކަހަލަ ސިއްހީ މައްސަލަތަކުގެ ނިޝާންތަކާއި މި ޓެސްޓުން ދައްކާ ކަމަށް ބެލެވެ އެވެ. އެކަމަކު މިއީ ބަލިތައް ދެނެގަތުމަށް އިތުބާރުކުރަން ޖެހޭ ޓެސްޓެއް ނޫނެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަން ދެނެގަނެ، ބަލިތަކުން ރައްކާތެރިވެ ތިބުމަށް ޑޮކްޓަރުންގެ ލަފާ އަބަދުވެސް ހޯދަންވާނެ އެވެ. އެކަމަކު މި ސަމުސާ ޓެސްްޓު ހަދާ ގޮތް ކިޔާލަދޭނަމެވެ.
1. މި ޓެސްޓް ހަދަން ޖެހޭނީ ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ކުރާ ކަމެއްގެ ގޮތުގަ އެވެ.
2. ބަނޑު ހުސްކޮށް ހުރިކަން ޔަގީން ކުރަން ޖެހޭނެ އެވެ.
3. މި ޓެސްޓް ހެދުމުގެ ކުރިން ފެން ބޮއެގެން ނުވާނެ އެވެ.
4. ރީއްޗަށް ދޮވެ ސާފުކޮށްފައިވާ ސަމުސަލެއް ދޫމަތީގައި ބަންޑުން ބާއްވާށެވެ.
5. ސަމުސާ ނަގައި ޕްލާސްޓިކް ކޮތަޅަކަށް (ޒިޕް ބޭގެއް ފަދަ އެއްޗަކަށް) ލާފައި އަވީގައި ނުވަތަ އަލިގަދަ ބޮތްކެއް ކައިރީގައި ބާއްވާށެވެ.
6. މިނިޓެއްހާއިރު ފަހުން ކޮތަޅުން ސަމުސާ ނަގާށެވެ. ދޫ މަތީ ބޭއްވި ބައިގައި އަތް ނުލާށެވެ.
ވަސް: ސަމުސަލުގައި އެއްވެސް ކަހަލަ ލަފެއް ނެތް ނަމަ ނުވަތަ ކުލަ ބަދަލުވުން ކަހަލަ ކަމެއް ވެފައި ނެތް ނަމަ ނުވަތަ އެއްވެސް ކަހަލަ ނުބައި ވަހެއް ނުދުވާ ނަމަ އެއީ ސިއްހަތު ރަނގަޅު ކަމުގެ ނިޝާނަކަށް ވެދާނެ އެވެ. އެއްވެސް ކަހަލަ ނުބައި ވަހެއް ހުރި ނަމަ އެއީ ފުއްޕާމޭގެ މައްސަލަ ހުރި ކަމުގެ ނިޝާނެކެވެ. ހެނދުނު ހޭލާ ވަގުތު އަނގާގައި ހުންނަ ނުބައި ވަހަށް ވުރެ ވެސް މި ވަސް ނުބައިވާނެ އެވެ. އެހެން ނަމަ އެއީ ފުއްޕާމޭގައި އިންފެކްޝަނެއް ހުރި ކަމުގެ އަލާމާތެކެވެ.
ސަމުސަލުގައި ހުރީ އެމޯނިއާ އިން ދުވާ ކަހަލަ ކެމިކަލް ވަހެއް ނަމަ އެއީ ކިޑްނީ ބަލީގެ އަލާމާތެކެވެ.
ތަންކޮޅެއް ފޮނި، މޭވާ ވަސް ކަހަލަ ވަހެއް ހުރި ނަމަ އެއީ ހަކުރު ބަލީގެ އަލާމާތެކެވެ. އެހެން ނަމަ ހަކުރު ޓެސްޓެއް ކޮށްލުން ރަނގަޅުވާނެ އެވެ. މިގޮތަށް ދިމާވަނީ ކީޓޯންސް ހުންނާތީ އެވެ.
ހަތަރު ކުލައެއްގެ ލައް ފެނުން އެކަށީގެންވެ އެވެ. އަދި މި ހަތަރު ކުލަ އަކީ ތަފާތު ހަތަރު ބައްޔެއްގެ އަލާމާތެކެވެ.
ހުދު ކުލައިގެ ލައް ހުރިނަމަ އެއީ ނޭވާލުމުގެ ނިޒާމުގައި އިންފެކްޝަނެއް ހުރި ކަމުގެ އަލާމާތަކަށް ވެދާނެ އެވެ.
ދަނބު ފާޑުގެ ކުލައެއްގެ ލައް ހުރި ނަމަ ރަނގަޅަށް ލޭ ދައުރުނުވުން، ބްރޮންކައިޓިސް ނުވަތަ ކޮލެސްޓްރޯލް މަތީގައި ހުރިކަމުގެ އަލާމާތެކެވެ.
ރީނދޫކުލައިގެ ލައް ހުރި ނަމަ ތައިރޮއިޑް ގްލޭންޑް ރަނގަޅަށް މަސައްކަތް ނުކުރާކަމުގެ އަލާމާތަކަށް ވެދާނެ އެވެ. މި ކަހަލަ ލައްގަނޑު ހުންނާނީ ތަންކޮޅެއް ބޯ ފަށަލައަކަށެވެ.
އޮރެންޖް ކުލައިގެ ލައްގަނޑަކީ ކިޑްނީ ބަލީގެ އަލާމާތެކެވެ. ކިޑްނީ މައްސަލަތައް ބޮޑުވާ ވަރަކަށް އަނގައިގެ ޓިޝޫތަކުގެ ކުލަ ފަނޑުވާނެ އެވެ. އެއީ ލޭ މަދުވާތީ ދިމާވާ ކަމެކެވެ. ނުވަތަ އޮރެންޖްކުލަ އަރަނީ ކެރޮޓީން-ފާޑުގެ އެއްޗެހިތަކެއް އަނގައިގައި ހުންނާތީ އެވެ.