ކާ އެއްޗެއްގެ ނަން ބުނުމުން އެ ރަހައެއް ލާ ބައްޔެއް ޖެހިފައިވާ ޒުވާން އަންހެނެއް
ކާ އެއްޗެއްގެ ނަން ބުނުމުން އެ ރަހައެއް ލާ ބައްޔެއް ޖެހިފައިވާ ޒުވާން އަންހެނެއް

ކެތުރީން ޖެކްސަނަށް ބައެއް ބަސްތައް އަޑުއިވުމާ އެކު އެ ބަހަކާ އެންމެ ގުޅޭ ޒާތެއްގެ ކާއެއްޗެއްގެ ރަހަ އޭނާގެ އަރު ތެރޭގައި ލާން ފަށަ އެވެ. އުމުރުން 22 އަހަރުގެ ކެތުރީން އަށް ޖެހިފައިވާ މި ބައްޔަކީ ވަރަށް ނާދިރު ބައްޔެކެވެ.

ކާ އެއްޗެއްގެ ނަން ބުނުމުން އެ ރަހައެއް ލާ ބައްޔެއް ޖެހިފައިވާ ޒުވާން އަންހެނެއް
ކާ އެއްޗެއްގެ ނަން ބުނުމުން އެ ރަހައެއް ލާ ބައްޔެއް ޖެހިފައިވާ ޒުވާން އަންހެނެއް

އިނގިރޭސި ވިލާތުގެ ނޮޓިންހަމްގައި ދިރިއުޅޭ ކެތުރީން އަށް ޖެހިފައި ވަނީ ލެކްސިކަލް-ގުސްޓޭޓޯރީ ސިނެސްތޭޝިއާ ކިޔާ ބައްޔެކެވެ. މި ބަލި ޖެހިފައިވާ މީހުންނަށް ބަހެއް ކިޔުމުން ނުވަތަ އަޑުއިވުމުން އެއާ ގުޅޭ ކޮންމެވެސް އެއްޗެއްގެ ވަސް ދުވަ އެވެ. އަދި ކަރުތެރޭގައި އޭގެ ރަހަ ލަ އެވެ. ނަތީޖާއެއްގެ ގޮތުން ކެތުރީން އަށް ވެސް ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ދައްކާ ވާހަކައެއްގައި ބޭނުންކުރެވޭ ބައެއް ބަސްތަކުގެ ވަހާއި ރަހަ އޭނާގެ އަނގައިގެ ތެރޭގައި ލާނެ އެވެ.

"އަހަންނަށް ބަސް ބަސް އަޑުއިވުމުން އެ ބަހެއްގައި އެ ބުނާ އެއްޗެއްގެ ވަސް ދުވާ އަދި ރަހަވެސް ލާ. ބައެއް ފަހަރަށް، ކާއެއްޗެއްގެ ނަމާ އެއްކަހަލަ ބަހެއް އަޑު އިވުނަސް އެ ގޮތަށް ދިމާވޭ،" ކެތުރީން ބުންޏެވެ.

"މިސާލަކަށް އަހަންނަށް އިވިދާނެ "ލޯލާ" މި ބަސް. އިވޭއިރަށް އަހަރެންގެ އަނގައިގައި ލޮލީޕޮޕްގެ ރަހަ ލާ،" އޭނާ ކިޔައިދިނެވެ.

އަދި "އެލާ" މި ލަފުޒު އިވުމުން އޭނާގެ އަނގައިގައި ޖެލީ ބީންސްގެ ރަހަ ލާ ކަމަށާއި ސަބަބަކީ "އެލާ އާއި "ޖެލީ" ކިޔެނީ ދާދި އެއްގޮތަކަށް ކަމަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ އެކުވެރިޔަކު ހުރޭ "ރޯރީ" ކިޔާ. އޭނާގެ މަތިން ހަނދާން ވިޔަސް ނުވަތަ އެ ނަން އަޑު އިވުނަސް އަހަރެންގެ އަނގައިގައި ކެރޮޓްގެ ރަހަ ލާ. ސަބަބަކީ "ރޯ" އެ އަޑު އިވުމުން އަހަންނަށް ކެރޮޓްގެ މަތިން ހަނދާން ވާތީ،" ކެތުރީން ބުންޏެވެ.

ސިނެސްތޭޝިއާ އަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މި ބަލި ޖެހިފައިވާ މީހުންނަށް ބައެއް ކަހަލަ އަކުރާއި ނަންބަރާއި ވަކި ކުލައެއް ގުޅުވެ އެވެ. ނަމަވެސް ކެތުރީން އަށް ޖެހިފައިވާ ލެކްޒިކަލް-ގުސްޓޭޓޮރީ ސިނެސްތޭޝިއާ އަކީ ވަރަށް މަދު ބައްޔެކެވެ.