ސަންޖޭ ދަތުގެ ފިލްމުގައި މާދުރީގެ ވާހަކަ ނުދައްކަން އެދެފި
ސަންޖޭ ދަތުގެ ފިލްމުގައި މާދުރީގެ ވާހަކަ ނުދައްކަން އެދެފި

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމުގައި އެއްވެސް ވަރަކަށް މާދުރީ އާއި ސަންޖޭ ދަތުގެ ލޯބީގެ ވާހަކަތައް ނުހިމެނުމަށް މާދުރީ އެދެފި އެވެ.

މި ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ގުޅައި، މާދުރީ އެކި ފަހަރު މަތިން ވަނީ މި ވާހަކަ ދައްކައިފަ އެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި މާދުރީ އާއި ސަންޖޭ ދަތުގެ ލޯބީގެ ވާހަކަތައް އެއްގޮތަކަށް ވެސް ނުދެއްކުމަށް މާދުރީ އެދޭ ކަމުގެ ވާހަކަތަކަށް ދާދިފަހުން އޭނާ ވަނީ ޖަވާބު ދީފަ އެވެ.

މިޑް ޑޭ އަށް ދިން އިންޓަވިއުއެއްގައި މާދުރީ ބުނީ މާޒީއާ ވަރަށް ދުރަށް ދަތުރުކުރެވިއްޖެ ކަމަށާއި އެހެންވެ މިހާރު އެކަހަލަ ވާހަކަތަކަކުން އޭނާގެ ދިރިއުޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެހެންވެ އޭނާގެ ވާހަކަ ސަންޖޭ ދަތުގެ ފިލްމުގައި ހިމެނޭތޯ ނުވަތަ ނޫންތޯ ބަލަން ނޫޅޭ ކަމަށް ބުންޏެވެ. އަދި މިފަދަ އަޑުތައް ފަތުރަނީ ކޮން ބައެއްކަން ނޭނގޭ ކަމަށް ވެސް މާދުރީ ބުންޏެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުން މާދުރީގެ ކަންބޮޑުވުންތައް ހިރާނީ އަށް ހުށަހެޅުމުން އޭނާ މިހާރު ވަނީ ފިލްމުގައި އެއްގޮތަކަށް ވެސް މާދުރީގެ ބައި ނުހިމަނަން ނިންމައި ސްކްރިޕްޓުން އެބައި އުނިކޮށްފަ އެވެ. ނަމަވެސް ޓީވީ އެކްޓަރު ކަރިޝްމާ ތަންނާ މި ފިލްމުގައި ބައިވެރިކުރީ މާދުރީގެ ކެރެކްޓާ ކުޅެން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި މިހާތަނަށް ވެސް ކަރިޝްމާ ފިލްމުން ވަކިކޮށްފައި ނުވާކަން އެނގެ އެވެ.

ކަރިޝްމާގެ އިތުރުން ދިއާ މިރްޒާ އާއި މަނީޝާ ކޮއިރާލާ އަދި ސޯނަމް ކަޕޫރު ވެސް ފިލްމުގައި މުހިއްމު ކެރެކްޓާތަކެއް ކުޅޭނެ އެވެ.

ސަންޖޭ ދަތާއި މާދުރީގެ ލޯބީގެ ގުޅުމެއް 1990ގެ ތެރޭގައި އޮތް ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެއީ އެމީހުން އެކުގައި "ސާޖަން" އާއި "ކަލް ނާޔަކް" ފަދަ ފިލްމުތައް ކުޅުނު ދުވަސްވަރެވެ.

ނަމަވެސް އެމީހުންގެ ލޯބީގެ ގުޅުން ކުއްލިއަކަށް ނިމުމަކަށް އައީ 1993 ގައި މުމްބާއީގައި ދިން ބޮމުގެ ހަމަލާތަކާ ގުޅޭ މައްސަލައެއްގައި ސަންޖޭ ދަތު ހައްޔަރު ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ސަންޖޭ ދަތު ޖަލަށް ލީ ހިސާބުން މާދުރީ އެ ގުޅުން ކަނޑާލީ ކަމަށްވެ އެވެ.