ކްރީތީ ސަނަން އަށް "ބާޣީ 2" ނުލިބުނު
ކްރީތީ ސަނަން އަށް "ބާޣީ 2" ނުލިބުނު

"ހީރޯޕަންތީ" އަށް ފަހު ޓައިގާ ޝްރޮފް އާއި ކްރީތީ ސަނަން "ބާޣީ 2" އެކުގައި ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކްރީތީ ދޮގުކޮށްފި އެވެ.

ކްރީތީ ސަނަން އަށް "ބާޣީ 2" ނުލިބުނު
ކްރީތީ ސަނަން އަށް "ބާޣީ 2" ނުލިބުނު

ކްރީތީ ބުނި ގޮތުގައި "ބާޣީ 2"ގައި އޭނާ އެއްވެސް ރޯލެއް ނުކުޅެ އެވެ. އަދި އެއްވެސް އިރެއްގައި އެ ފިލްމު ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައި ވެސް ނެތް ކަމަށް ކްރީތީ ބުންޏެވެ.

މުމްބާއީ މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި ކްރީތީ ބުނީ ޓައިގާއާ އެކު އަދިވެސް ފިލްމެއް ކުޅެލަން އޭނާ ބޭނުންވާ ކަމަށެވެ. ޓައިގާއާ ގާތް އެކުވެރިކަމެއް އޮންނަ ކަމަށް ވެސް ކްރީތީ ބުންޏެވެ.

"މިހާރު އެހާ ގިނައިން އަހަރެމެން ބައްދަލެއް ނުވޭ. އެއީ ދެ މީހުން ވެސް ވަރަށް ބުރަކޮށް ފިލްމުތަކުގެ ޝޫޓިންތަކުގައި އިންޑިއާ އާއި އެހެން ގައުމުތަކުގައި އުޅެން ޖެހިފައިވާތީ،" ކްރީތީ ބުންޏެވެ.

މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ވަނީ ނެރެފަ އެވެ. މި ސިލްސިލާގެ ފުރަތަމަ ފިލްމު "ބާޣީ"ގެ ޑައިރެކްޓަރަކީ ސައްބީރް ޚާން ނަމަވެސް ދެ ވަނަ ފިލްމު ޑައިރެކްޓްކުރަނީ އަހުމަދު ޚާނެވެ.

މި ފިލްމު އުފައްދާ ފަރާތުން ބުނަނީ ބަތަލާއަކު ހަމަޖެއްސުމަށް ފަހު ރަސްމީކޮށް ވަރަށް އަވަހަށް އެ ނަން އިއުލާން ކުރާނެ ކަމަށެވެ. މި ފިލްމުގެ ބަތަލާއަކަށް ކްރީތީ ހަމަޖެހުނު ކަމުގެ ވާހަކަތައް ދެކެވެން ފެށީ ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ އޮފީހުގެ ބޭރުން ވަރަށް ގިނައިން ކްރީތީ ފެންނާތީ އެވެ.

ތަޅާފޮޅާ މަންޒަރުތައް ވަރަށް ގިނަ "ބާޣީ" ގައި ބަތަލާގެ ރޯލު އަދާކުރީ ޝްރައްދާ ކަޕޫރެވެ. ނަމަވެސް މިފަހަރުގެ ފިލްމުގައި ޝްރައްދާ ބައިވެރި ނުވާކަން ޔަގީންވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

ކްރީތީ ކުޅެމުން އަންނަ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާނީ އޭނާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ ސުޝާންތު ސިންގް ރާޖްޕޫތާ އެކު ކުޅެފައިވާ "ރާބްތާ" އެވެ.