14 މެއި 2017 - 15:06

މޯލްޑިވިއަން އައިޑޮލް ދޭއް ކާމިޔާބު ކުރި ތަސްނީމު އަހުމަދު (ބޮބް) އާއި ގަދަ ތިނެއްގައި ދެން ހިމެނޭ ދެ ބައިވެރިންނަށް، ރައީސް އަބްދުﷲ ޔާމީން ތަހުނިޔާ ފޮނުއްވައިފި އެވެ.
ރޭ ޓީވީއެމްގައި ބޭއްވި މޯލްޑިވިއަން އައިޑޮލްގެ ގްރާންޑް ފިނާލޭގައި ހަމޫދު އަހުމަދު ދެ ވަނަ ހޯދި އިރު ތިން ވަނައަށް ދިޔައީ ޝަމްވީލް މުހައްމަދު (ބަރޯ) އެވެ.
ރައީސް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ބުނިގޮތުގައި ޒުވާނުންގެ ހުނަރުވެރިކަން އަބަދު ވެސް ސަރުކާރުން ބަލައިގަންނާނެ އެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ރައީސް އަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައި ވެ އެވެ.
ކ. މާފުއްޓަށް އުފަން 21 އަހަރުގެ ލަވަކިޔުންތެރިޔާ މޯލްޑިވިއަން އައިޑޮލް ކާމިޔާބު ކުރުމުން ފައިސާގެ އިނާމުގެ ގޮތުގައި 250،000ރ. ލިބުނެވެ. އަދި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ސްޕޮންސަކޮށްފައިވާ މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިންނަށް ޖުމްލަ 5.8 މިލިއަން ރުފިޔާގެ އިނާމް ލިބިފަައި ވެ އެވެ.