ބޮންޑާ ދެން ނުފެނިދާނެ: ނިޒާމްބެ
ބޮންޑާ ދެން ނުފެނިދާނެ: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) މިހާރު ނުފެންނަނީ އޭނާ އަމިއްލަ ސަބަބަކާ ހުރެ އުފަން ރަށުގައި ހުރުމުން ކަމަށާއި ފަހަރުގައި އޭނާ ދެން ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ބޮންޑާ މިދިޔަ އަހަރު ޓީސީއާ ގުޅުނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ރަށުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އެކަމަކު އެ ދުވަސްވަރު ވެސް މިނިވަން ޗެމްޕިއަންޝިޕުގައި ބޮންޑާ ވަނީ ކުޅެފަ އެވެ.

"ފަހަރުގައި ވެދާނެ މިއީ ބޮންޑާ ކެރިއާ ނިންމާލަން ބޭނުންވާ ހިސާބު ކަމަށް ވެސް،" ނިޒާމްބެ ބުންޏެވެ. "ބޮންޑާ ތަންކޮޅެއް ބޮޑަށް މިހާރު އަމިއްލަ ދިރިއުޅުމަށް ވިސްނަމުންދާތީ އެބަހުރި އުނދަގޫތަކެއް އައިސް މިކޮޅުން އުޅެން. (ސ. ހިތަދޫގައި) އަމިއްލަ ވިޔަފާރިއެއް ފަށާ ދިރިއުޅުމުގެ ސީރިއަސް ކަންތައްތަކެއް ހުރީމާ އެހުރިހާ ކަމަކާ އެކު މިކޮޅުގައި އައިސް ފުޓްބޯޅަ ކޮންޓިނިއު ކުރަން ފަސޭހަނުވަނީ ކަމަށް ވެދާނެ. ދެން ނުފެނުމުގެ ފުރުސަތު ވެސް އެބައޮތް."

ނިޒާމްބެ ބުނީ މިދިޔަ އަހަރުން ފެށިގެން ބޮންޑާގެ ކަކުލުގައި އަނިޔާގެ މައްސަލައެއް ވެސް އުޅޭ ކަމަށާއި މި އަހަރު ބަންގްލަދޭޝް މުބާރާތުގައި ކުޅުނީ ވެސް އެތަދާ އެކު ކަމަށެވެ. އެކަމަކު ބޮންޑާ މިވަގުތު ނުފެނުމާ އެ އަނިޔާއާ ގުޅުމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މިކަމާ ބެހޭގޮތުން ބޮންޑާގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ނިޒާމްބެ ބުނީ ބޮންޑާ ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އެއްކޮށް އެކަމާ ދުރުނުވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އައްޑޫގައި ތިބި ޒުވާން ކުޅުންތެރިންނަށް އޭނާގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. ޓީސީއާ އެކު މި އަހަރުގެ ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިއާ ވަނީ 2008 ވަނަ އަހަރު ގައުމީ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

އައްޑޫގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބޮންޑާ އަކީ އައްޑު އަތޮޅުގެ ވިޔަފާރިވެރިންތަކެއް 2001 ގައި އުފެއްދި އައިއެފްސީން ތައާރަފްވި ކުޅުންތެރިޔެކެވެ. ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ފުރަތަމަ އެގާރައަށް ޔޮރްދާން ސްޓޮއިކޯފް އޭނާ ނެރުމުން ގިނަ ބަޔަކު ހައިރާންވި އެވެ. އެކަމަކު އެ މުބާރާތުގައި ދެއްކި ކުޅުމާ އެކު ގިނަ ބަޔެއްގެ ތައުރީފް ހޯދައި ގައުމީ ޓީމުގެ މަގާމް ކަށަވަރުކުރި އެވެ.

އައިއެފްސީ އަށް ފަސް އަހަރު ކުޅެ އަދި ކެޕްޓަންކަންކޮށް 2007 ގައި ނިއު ރޭޑިއަންޓަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެ ކްލަބާ އެކު އެ އަހަރުގެ އެފްއޭ ކަޕް މިލްކުކުރިއިރު ފަހުން ވެސް ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ފަހުން ވެލެންސިއާ އާއި ވީބީ އަށް ވެސް ކުޅުނެވެ. އޭރު ވެސް މުސާރަ މައްސަލަ އާއި އެހެން ތަފާތު ކަންކަމާ ހުރެ ބައެއް ފަހަރު ކުޅުން މެދުކަނޑާލުމަށް ފަހު ރަށަށް ދެ އެވެ.