ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް މިއަދު ބަލަނީ
ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް މިއަދު ބަލަނީ

އެޓާނީ ޖެނެރަލްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފި އެވެ.

ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

އެކަމަކު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހަޅުއްވައިގެން އުޅުއްވަނީ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި އޮތް ބަޔަކާ ގުޅޭ ކަމެއް ކަމަށް، ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސުޕްރީމް ކޯޓުގައި ތާވަލްކުރާ މައްސަލަތަކާ ބެހޭ ގޮތުން އެ ކޯޓުން، ޝަރީއަތުގެ ކުރިއަކުން، އެއްވެސް މައުލޫމާތު ނުދެ އެވެ. އެހެންކަމުން އާންމުންގެ ތެރޭގައި މިހާރު ފެތުރޭ ވާހަކައިގެ ތެދުދޮގެއް އަދިއެއް ނޭނގެ އެވެ.

މީގެ ކުރިން ވެސް އެކްސްޕާޓޭ މައްސަލަތަކުގެ ގޮތުގައި ދުސްތޫރީ ބޮޑެތި މައްސަލަތައް ދައުލަތުން ހުށަހަޅައިގެން ސުޕްރީމް ކޯޓުން ބަލާފައިވެ އެވެ.

ދުސްތޫރީ މައްސަލަތަކަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއިން ބައެއް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކެވެ. އެ ބާވަތުގެ މައްސަލަތައް ބެލޭނީ ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެކަންޏެވެ.

މިއަދު މެންދުރު އޮންނަ އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފުލް ބެންޗުންނެވެ.