ނޯތު ކޮރެއާ އިން ބެލިސްޓިކް އާ މިސައިލެއް ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން ބެލިސްޓިކް އާ މިސައިލެއް ޓެސްޓްކޮށްފި

ސޯލް (މެއި 14) - ނޯތު ކޮރެއާ އިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ޓެސްޓް ކޮށްފި އެވެ.

ނޯތު ކޮރެއާ އިން މިސައިލް އުދުއްސާލާފައި ވަނީ ހުޅަނގު-އުތުރުގެ ކުސުން އިންނެވެ. އަދިި އެ މިސައިލް ވެއްޓިފައި ވަނީ ޖަޕާނު ކަނޑަށެވެ.

ނޯތު ކޮރެއާ އިން މިސައިލެއް ޓެސްޓްކޮށްފައި މި ވަނީ ވާދަވެރި ސައުތު ކޮރެއާގެ ރައީސް ކަމުގެ މަގާމަށް އާ ބޭފުޅަކު ވަޑައިގެންފައި ވަނިކޮށެވެ. އާ ރައީސް މޫން ޖައި-އިން ކެމްޕޭން ކުރައްވާފައި ވަނީ ނޯތު ކޮރެއާއާ އެކު ގުޅުން ރަނގަޅު ކުރުމުގެ ޕްލެޓްފޯމެއްގަ އެވެ. އަދި ނޯތު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް މިއަދު ޓެސްޓްކުރި އިރު މިދިޔަ މަހު ވަނީ ނާކާމިޔާބު ދެ މިސައިލް ޓެސްޓެއް ވެސް ކޮށްފަ އެވެ.

އިމަޖެންސީ ބައްދަލުވުމެއް ބޭއްވުމަށް ފަހު މޫން ވަނީ ނޯތު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ކުށްވެރިކޮށްފަ އެވެ.

ނޯތު ކޮރެއާ އިން އެންމެ ފަހުން ޓެސްޓްކޮށްފައި ވަނީ މެދު ރާސްތާ މިސައިލެއް ކަމަށްވެ އެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ މިސައިލް ވެއްޓިފައި ވަނީ ނޯތު ކޮރެއާގެ އައްސޭރިން 400 ކިލޯ މީޓަރު (250 މޭލު) ބޭރަށް ކަމަށެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ ނޯތު ކޮރެއާ އިން ޓެސްޓްކުރީ ކޮން ބާވަތެއްގެ މިސައިލެއްތޯ ބަލަމުންދާ ކަމަށެވެ. ވައިޓް ހައުސް އިން ބުނީ ނޯތު ކޮރެއާ އިން މި ކުރި ޓެސްޓުގެ ސަބަބުން އިތުރު ދަތިކުރުމުގެ ފިޔަވަޅު އަޅަން މަޖްބޫރުވާނެ ކަމަށެވެ.

ނޯތު ކޮރެއާ އިން ދެ ބާވަތެއްގެ އިންޓަކޮންޓިނެންޓަލް މިސައިލް އުފައްދަމުންދާ ކަމަށްވެ އެވެ. ނަމަވެސް މީގެ ތެރޭން އެއްވެސް މިސައިލެއް އަދި ޓެސްޓްކޮށްފައެއް ނުވެ އެވެ. އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވީ ނަމަވެސް ނޯތު ކޮރެއާ އިން ވަނީ ފަސް ނިއުކްލިއާ މިސައިލް ޓެސްޓްކޮށްފަ އެވެ.