13 މެއި 2017 - 18:52

ތެލް އަވީވް (މެއި 13) - އިޒްރޭލުގެ 14 އަހަރުގެ ކުއްޖަކު ވިހެއިން ސުރެ ގޭ ބަންދުގައި ގެންގުޅެފައިވާކަން ފަޅާ އަރައިފި އެވެ.
މި ކުއްޖާ ގެއިން ނުނެރެ ބަންދުގައި ގެންގުޅެފައި ވަނީ އެ ކުއްޖާގެ މައިންބަފައިންނެވެ. ފުލުހުންނަށް އެކަން އެނގުމާ އެކު އެ ކުއްޖާ ވަނީ ސަލާމަތް ކޮށްފަ އެވެ.
އިޒްރޭލުގެ އާމީ ރޭޑިއޯ އިން ބުނީ އެ ކުއްޖާ އިމާރާތުގެ ކޯޓްޔާޑަށް ނެރެނީ މަހަކު އެއް ފަހަރު ނޫނީ ދެ ފަހަރު ކަމަށެވެ. އެ ވެސް ރޭގަނޑު ކަމަށް ފުލުހުން ގާތު އެ ކުއްޖާ ވަނީ ބުނެފަ އެވެ. އަވައްޓެރިން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ބައެއް ފަހަރު ކޮއްޓެއްގައި ވެސް ބަހައްޓަ އެވެ. އަދި އެ އެޕާޓްމަންޓުން ނުބައި ވަސް ދުވާތީ އަވައްޓެރިން ވަނީ ލޯކަލް މުނިސިޕަލްޓީ އަށް ޝަކުވާ ވެސް ކޮށްފަ އެވެ.
އެޕާޓްމަންޓާ ކައިރީގައި ދިރިއުޅޭ މީހަކު އާމީ ރޭޑިއޯ އަށް ބުނީ ކުޑަ ދޮރުން ފެނުނު އިރު، ބޭރަށް ނުނެރެ ގެންގުޅުނު ކުއްޖާ، ހީވަނީ ބިރުވެރި ފިލްމަކުން ފެންނަ ޒޮމްބީއެއްހެން ކަމަށެވެ.
ކުއްޖާގެ ބެލެނިވެރިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ވަކީލް މެދުވެރިކޮށް ބެލެނިވެރިން ބުނެފައި ވަނީ އެ ކުއްޖާ ގެއިން ނުނެރެ ގެންގުޅުނީ ސިއްހީ މައްސަލައެއް ހުންނާތީ ކަމަށެވެ. އުމުރުން 60 ގެ އަހަރުތަކުގެ ބެލެނިވެރިންނަކީ ރަޝިޔާ ބައެކެވެ. އެ މީހުން އިޒްރޭލުގެ ތެލް އަވީވުގައި ވަޒަންވެރިވީ 2009 ވަނަ އަހަރު އެވެ.