14 މެއި 2017 - 06:02

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
"ހުސެއިން ކީއްތަ ތި ކުރަނީ؟" އަދުހަމް ސުވާލުކުރިއެވެ.
އަހަރެން އިނީ ރައްޓެހި ކުއްޖެއްގެ ގޭގައެވެ. ވީޑިޔޯގޭމް ކުޅެންވެގެން ލައްވަން ދިން ސީޑީ، އަހަރެން ހިތްހަމަޖެހޭ ގޮތަކަށް ނުބޭއްވުނެވެ. ސީޑީ ބާއްވާއިރު ވަކި އަޑެއް އިވެން ހިތް ބޭނުންވާތީއެވެ. އަނެއްކާ އަލުން ސީޑީ ނަގަނީއެވެ. އަނެއްކާ ބާއްވަނީއެވެ. އަނެއްކާ ނަގަނީއެވެ. އަނެއްކާ ބާއްވަނީއެވެ. އަދުހަމް ސުވާލުކުރީ، އަހަރެން އެ ސަކަރާތެއްޖަހާތަން ބަލަން ފަނަރަ ވަރަކަށް މިނެޓު ކެތްކުރުމަށް ފަހުގައެވެ. ސީޑީ ހިފައިގެން ގޮސް އަދުހަމް އަތަށް ދިނީމެވެ.
"އަދުހަމް ސީޑީ ލައްވަބަލަ!" އަހަރެން ބުނީމެވެ.
ދެތިން ސިކުންތުން އަދުހަމް އެ ކަން ކުރިއެވެ. އަދި މީ އެހާ ވަރުގެ ކަމެއްހޭ ބުނާ ކަހަލަ ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލިއެވެ. ގޮނޑީގައި އިށީނދެފައި އަހަރެންނަށް ޖޯއިސްޓިކެއް ދިނެވެ. އެ ޖޯއިސްޓިކް އަތަށް ހެޔޮވަރުކޮށްލަން އެކަނި ވެސް ދިހަ ވަރަކަށް މިނެޓު ނެގިއެވެ.
"ތި ދެން މިހާރު ވެއްޖެއްނު ހެޑޭކަކަށް،" އަހަރެން އަތުގައި އޮތް ޖޯއިސްޓިކް އަތުލައިފައި ދުރުގައި ބާއްވަމުން އަދުހަމް ބުންޏެވެ. "ކުއްލިއަކަށް ކިހިނެއްތަ.."
"އަހަންނަކަށް ނޭނގެޔޭ،" އަހަރެން ކަންބޮޑުވެފައި ބުނީމެވެ. "އެނގިގެންތާ އެހެން މީހެއް ގާތުގަ ބުނެވޭނީ. މަގޭ ހިތެއް މަށަކަށް ކޮންޓުރޯލެއް ނުވެޔޭ!"
އަދުހަމް ޓީވީ ނިއްވައިލިއެވެ. އަހަންނާ ގޮނޑި ކައިރިކޮށްލިއެވެ. އެއްބަޔަކު ހީކުރަނީ އަހަރެން އަމިއްލައަށް ހެދިގެންއުޅޭ ގޮތެއްކަމަށެވެ. އަނެއްބަޔަކު ހީކުރަނީ ޖިންނީގެ ކަމެއް ކަމަށެވެ. އެންމެ ފަހުން އަދުހަމް ވެސް ބުނާނީ އެ ކަހަލަ އެއްޗެއްބާއޭ ހިތަށްއެރިއެވެ.
"އަހަންނަކީ ޑޮކްޓަރެއް ނޫން،" އަދުހަމްގެ ރާގުގައި ވަނީ އޯގާތެރިކަމެވެ. "އެކަމަކު ތި ކަމާ ތަންކޮޅެއް ސީރިޔަސް ވާންވެއްޖެ! އެންމެން މިހާރު ދައްކަނީ ހުސެއިންގެ ވާހަކަ. އަހަންނަށް ކިޔައިދިން ވާހަކަތައް މަންމަމެންނާ ޝެއާރކުރަންވީނު. ނޫނީ ހުސެއިން ތި ކަމާ ފޭސްކުރަންވީނު."
އަދުހަމް ބުނީ މާ ހަމަޖެހޭ އެއްޗެއްކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. މަންމައަށް އަހަރެން ކިޔައިދޭނީ ކީކޭ ހެއްޔެވެ؟ މަންމައާއި ބައްޕަ މަރުވާތަން ފެންނަ ވާހަކަ ހެއްޔެވެ؟ އަހަރެން އެސްފިޔަޖަހާ ވަރާއި ނޭވާލާ ވަރު ގުނަންޖެހޭ ވާހަކަ ހެއްޔެވެ؟ އެކަމަކު، އެއް ވާހަކަ އަހަރެންގެ ސިކުނޑީގައި ހަރުލިއެވެ. އަހަރެންގެ ހިތާ ދެކޮޅުހެދިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކެއުންބުއިމުން ފެށިގެން ނިދުމާ ހަމައަށް އަހަރެންގެ ގުނަވަންތައް ކޮންޓުރޯލުކުރަނީ އެހެން ބާރެކެވެ. އަހަންނަށް ކޮންމެ ކަމަކީ ގޮންޖެހުމެކެވެ. ކޮންމެ ފަހަރަކު ވެސް އަހަރެން ހިތަށް ދޫދެނީއެވެ. ސިކުނޑިއަށް އަހަރެން ތަބާވަނީއެވެ. ނުވެއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކުރިމަތިވާނީ ކޮން ކަމެއް ހެއްޔެވެ؟ މަރު ހެއްޔެވެ؟ އެއީ އަހަރެން ނުކުރާ ތަޖުރިބާއެކެވެ.
އާ ތަޖުރިބާއެއް ކުރަން އެންމެ ރަނގަޅީ ކޮން ތަނެއް ހެއްޔެވެ؟ ކޮން ގޮތެއް ހެއްޔެވެ؟ އެކަނިމާއެކަނި ހެއްޔެވެ؟ އޭރުން އަހަންނަށް ކަމެއް ވެއްޖެއްޔާ އެނގޭނެ މީހަކު ނުހުންނާނެއެވެ. މީހުންގެ ތެރޭގައި ހުރެގެން ހެއްޔެވެ؟ އަހަންނަށް ކަމެއް ވެއްޖެއްޔާ އެހެން މީހުން ދެކޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑިއަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ، އެންމެންގެ ލޯ ކުރިމަތީގައި އަހަރެންގެ ހިތާ ދެކޮޅުހެދުމެވެ.
ވަގުތަކީ ރޭގަނޑެވެ. އެންމެންނާ އެކުގައި އަހަރެން އިނީ ކާމޭޒު ކައިރީގައެވެ. ފުރަތަމަ ރޮށިކޮޅު އަހަރެންގެ އަނގަޔަށް ލީމެވެ. ރޮށިކޮޅުގައި ހިފުނު ގޮތް ހިތަކަށް ކަމަކުނުދިޔައެވެ. ސިކުނޑި ވެސް ހިތާ އެއްބައިވިއެވެ. އަލުން ރޮށިކޮޅު އަނގައިން ނެރުމަށް އަމުރުކުރިއެވެ. އެހެންޏާ ވަރަށް ގިނައިން އަހަރެން އެ ސަކަރާތެއްޖަހަމެވެ. އެ ފަހަރު އަނގަ ލައްޕައިލައިގެން އިނީއެވެ. ހަފާލާކަށް ނުކެރުނެވެ.
"އަލުން ރޮށިކޮޅު އަނގަޔަށް ލާ!" އަމުރު އައެވެ.
އަހަރެންގެ އެތެރެހަށީގައި ހިނގަމުންދިޔަ އަރާރުން އެހެން މީހަކަށް ނުފެނެއެވެ. އެ ތަނުގައި އަހަރެންގެ މައިންބަފައިންނާއި، ބޭބެއާއި ކޮއްކޮ ވެސް އިނެވެ. އެ މީހުން އެ ވަގުތު ތިބީ އަމިއްލަ ވާހަކައެއްގައެވެ. އަހަރެންގެ ހިތުގެ އެއްފަޅި ބުނަމުންގެންދިޔައެވެ. އަހަރެން ދެނެއް ތަކުރާރެއް ނުކުރާނަމެވެ. އަހަރެންގެ ހިތަކަށް ދެނެއް ތަބައެއް ނުވާނަމެވެ. ހިތުގެ އަނެއްފަޅި އަހަންނާ ދެކޮޅަށް ތެދުވިއެވެ. ހަނގުރާމަ ފެށިއެވެ. އަހަރެންގެ ނޭވަޔަށް އުނދަގޫވާން ފެށިއެވެ. ފައި ތުރުތުރުއަޅަން ފެށިއެވެ. ނޫނެކެވެ. އަހަރެން ހިތާހިތުން ބުނީމެވެ. އަހަރެން ދެނެއް ތަކުރާރެއް ނުކުރާނަމެވެ. ވަރުބަލިވެއްޖެއެވެ. ވާޅުވެއްޖެއެވެ. ފޫހިވެއްޖެއެވެ.
"އަލުން ރޮށިކޮޅު އަނގަޔަށް ލާ!" ސިކުންތަކު އެއްފަހަރު ހިތް އެދުނެވެ.
އަހަރެން އިންކާރު ކުރީމެވެ. މަޑުމަޑުން ބޯހޫރައިލީމެވެ. އަހަރެންގެ ކަންފަތަށް ތޫލި އަޑެއް އެރިއެވެ. ހިތުގެ ވިންދު ދެގުނައަށް އަވަސްވިއެވެ. އަނގައިގައި އޮތް ރޮށިކޮޅު ބޭރަށް ނުކުންނަން ބާރުއަޅަން ފެށިއެވެ. އޭރު ވެސް އަހަރެން އިނީ އަނގަ ލައްޕައިގެންނެވެ. ހީވަނީ ކެއްސައިގަންނަން އުޅޭހެންނެވެ. އެ ވަގުތު އަހަންނަށް ޖެއްސުނީ ކޮން ވައްތަރެއްކަމެއް އަހަންނަކަށް ނޭނގެއެވެ. މަންމަގެ އަޑު އިވޭހެން ހީވިއެވެ. ބައްޕަ ކޮންމެވެސް އެއްޗެއް ކިޔާހެން ހީވިއެވެ. ކުއްލިއަކަށް އަހަރެން ގޮނޑިން ކައްސައިލިއެވެ. ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އަނގައިގައި ހުރި ކާއެއްޗެހިތައް ބޭރަށް ބުރުއްސައިގެންދިޔައެވެ. އެންމެ ތިން މިނެޓުވަންދެން ވެސް އަހަންނަކަށް ހިތާ ދެކޮޅެއް ނުހެދުނެވެ. ރޮށިކޮޅު އަނގައިން ނުކުތުމާއެކު އަހަރެންގެ ހަރަކާތް ހުއްޓުނެވެ. އަހަރެންގެ ހަށިގަނޑު ހަމައަކަށްއެޅުނެވެ. ލިބެމުންދިޔަ ހުރިހާ އުނދަގޫތަކެއް ފިލައިގެންދިޔައެވެ. އަހަރެން ބޭނުންވީ އެ ގޮތަށް އިރުކޮޅަކު އޮވެލާށެވެ. މައިންބަފައިން ހާސްވެގެންއުޅުނުކަން އެނގެއެވެ. އަހަރެން ނަގައިގަނެގެން ގެންގޮސް ސޯފާގައި ބޭއްވިކަން ވެސް އެނގެއެވެ. އެތައް ސުވާލެއް އެއްފަހަރާ އަހަންނާ ކުރިއެވެ. އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.
އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެން ފަހަރުތަކުގައި ވެސް ކަންތައް ވާފަދައިން، އަހަރެންގެ އެއްވެސް މައްސަލައެއް ހުރިކަމަކަށް ޑޮކްޓަރަކަށް ފާހަގައެއް ނުވިއެވެ. އަހަންނަކީ ސަމާލުކަން ހޯދަން އުޅޭ ޒުވާނެކެވެ. މައިންބަފައިން އަހަންނަށް ދޭނެ އިތުރު ސަމާލުކަމެއް ނެތަސް ވެހެވެ.
އެނދުގައި އެކަނިމާއެކަނި އޮށޯވެލައިގެން އޮތްއިރު އަހަރެންގެ ހިތަށްއެރިއެވެ. އަހަންނަށް އެހީތެރިވާކަށް އަހަރެންގެ މައިންބަފައިންނެއް ދެނެއް ނާންނާނެއެވެ. އެ މީހުން، އަހަރެންގެ އަމިއްލަ ހާލަށް އަހަރެން ދޫކޮށްލައިފިއެވެ. އެ ކަންކަމަށް އެ މީހުން ހޭނިއްޖެއެވެ. އެއްވެސް ކަމަކާނުލައި މައިންބަފައިންނަށް ކިހާ ބޮޑު އުނދަގުލެއް ޖެއްސިއްޖެ ހެއްޔެވެ؟ އެ މުސީބާތުން އަހަރެން މިންޖުވާނީ ކޮންއިރަކުން ހެއްޔެވެ؟ ބަންޑުން އޮށޯވެގެން އަހަރެން ވަރަށް ގިނައިރު އޮތީމެވެ.
"އަހަރެން ދޫކޮށްލާ! އަހަރެން ދޫކޮށްލާ!" މަޑުމަޑުން އަހަރެން ކިއީމެވެ.
ހިތް ބުނެއެވެ. އާދޭސްކުރާށެވެ. ފަންސާސް ފަހަރު އެދޭށެވެ. ފަންސާސް ހަމަކުރުމުން ސަތޭކަ ހަމަކުރަން އެދުނެވެ. ސަތޭކައިގެ އަދަދުތަކުން ގުނަވަމުންދިޔައިރު ވެސް ހިތެއް ނުފުރުނެވެ. އަދަދު މަތިކުރުން ނޫން ކަމެއް ނުކުރިއެވެ. އަހަރެންގެ އަނގަ ވާޅުވިއެވެ. ވަރުބަލިވިއެވެ. ބުނަންޖެހެނީ އެންމެ ދެ ލަފުޒެވެ. އެކަމަކު، ބުނަން ބޭނުންވާ ގޮތަށް އެ ލަފުޒުތައް ބުނެވޭހެނެއް އަހަންނަކަށް ހިޔެއްނުވެއެވެ. އަކުރުތައް ފާޅުކުރެވޭ ގޮތް ކަމުދާހެނެއް ހިޔެއްނުވެއެވެ. އެއީ ކީއްވެގެންކަމެއް، ރަނގަޅު ގޮތަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. ހިތަށް އެނގޭކަމަށް ވެދާނެއެވެ. ސިކުނޑިއަށް އެނގޭކަމަށް ވެސް ވެދާނެއެވެ. އެ އިހުސާސަކީ އަހަރެން ކަހަލަ މީހަކަށް ނޫނީ ވިސްނޭނެ އެއްޗެއް ނޫނެވެ. އެހެން މީހަކަށް ބުނެދެވޭނެ އެއްޗެއް ވެސް ނޫނެވެ. ދޮޅު ގަޑިއިރަށް ފަހު ވަރުބަލިވެގެން އަހަރެން ހުއްޓައިލީމެވެ. އަހަންނަށް ނިދުނީ ބަންޑުންއޮއްވައެވެ.
ތިން ގަޑިއިރު ފަހުން ހޭލެވުނުއިރު ވެސް އަހަރެން އޮތީ އޮށޯތްގޮތަށެވެ. މޫނު ވަތަށްޖަހައިގެންނެވެ. މޭގައި ރިއްސިއެވެ. ލޮލުގައި ރިއްސިއެވެ. ހޭލެވުމާއެކު އަނެއްކާ ވެސް ބަނދިވަރު ކިޔަން ހިތް އެދުނެވެ. އަހަރެންނަށް ކުރެވުނު ކުށަށް ވަރުގަދަ އަދަބެއް ދޭންއުޅޭ ކަހަލައެވެ. އެނދުން ތެދުވީމެވެ. އަނެއްކާ އޮށޯތީމެވެ. ތެދުވަންވާ ގޮތަށް ތެދުވީމެވެ. އެނދުގައި އޮންނަ ދެ ބާލީސް ވަކި ތަރުތީބަކަށް އަތުރައިލީމެވެ. އެ ކަމުގައި ވިއްސަކަށް މިނެޓު ހޭދަކުރީމެވެ. ފާޚާނާއަށް ދިޔުމަށްޓަކައި ފުރަތަމަ ފިޔަވަޅު އެޅީމެވެ. ހިނގައިގަނެވުނު ގޮތް ކަމުނުގޮސްގެން އަނެއްކާ ފަހަތަށް އެއް ފިޔަވަޅުއެޅީމެވެ. ދެން ހިނގައިގަތީމެވެ. ކަމަކުނުދިޔައެވެ. އަނެއްކާ ވެސް ފަހަތަށް އެއް ފިޔަވަޅުއެޅީމެވެ. ގާތްގަނޑަކަށް ދިހަ މިނެޓު އެ ކަމުގައި ހޭދަކުރީމެވެ.
"ދަރިފުޅާ!" ބައްޕަގެ އަޑު އިވުނެވެ.
އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބައްޕަ ބަލަން ހުރިކަމެއް އަހަރެން ނުދެނަހުރީމެވެ. އަހަންނަށް ބަލައިލެވުނީ ގޮތް ހުސްވެފައިވާ ނަޒަރަކުންނެވެ. އަވަސް ހިނގުމެއްގައި އައިސް އަހަރެން ގައިގައި ބައްޕަ ބައްދައިލިއެވެ. ރޯން ފެށިއެވެ. ބައްޕަގެ އެ ސިފައަކީ ކުރިން އަހަރެން ނުދެކޭ ސިފައެކެވެ.
"ތީ ދަރިފުޅު ސަމާލުކަން ހޯދަން ކުރާކަމެއް ނޫން،" ބައްޕަ މަޑުމަޑުން ބުންޏެވެ. "ދަރިފުޅަކަށް ނޭނގޭނެ ބައްޕަ ބަލަން ހުރިކަމެއް. އަހަރުމެން ދާނީ ރާއްޖެއިން ބޭރަށް. ހިނގާ ދަތުރު ހަދަމާ!"
ބަންދުކޮށްފައިވާ ކަނުއަނދިރި ކޮޓަރިއެއްގެ ކުޑަދޮރު މީހަކު ހުޅުވައިލި ކަހަލައެވެ. އައްޔާއި އެކުގައި ފިނި ރޯޅިއެއް އެ ދޮރުން އެތެރެއަށް ވަން ކަހަލައެވެ. އަހަރެންނަށް ވެގެންއުޅެނީ ކިހިނެއްކަމެއް އޭރަކު ވެސް ނޭނގެއެވެ. އެހެންނަމަވެސް، ބައްޕަގެ އެހީތެރިކަން ލިބުން އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އުންމީދެކެވެ. އެހެން ނޫން ނަމަ، ރާއްޖެއިން ބޭރަށް ދަތުރުކުރުމަކީ އަހަރެން ކަހަލަ މީހަކަށް ކުރިމަތިލެވޭނެ ގޮންޖެހުމެއް ނޫނެވެ. މަންމައާއި ބައްޕަގެ ފަރާތުން އަހަންނަށް ފެނުނީ ކެތްތެރިކަމުގެ އިންތިހާއެވެ.
މަތިންދާބޯޓަށް އަރަން އަހަންނަށް ވަރަށް ގިނަ ވަގުތު ބޭނުންވިއެވެ. ގޮނޑީގައި އިށީންނަން އެހާ ވަގުތު ބޭނުންވިއެވެ. ކާއެއްޗެހި ގެނެސްފައި ބެހެއްޓީ ބައްޕަގެ ތަބަކުގައެވެ. އަހަރެންގެ ތަބައް ހުޅުވަން ވަގުތު ނެގިއެވެ. ކާން ނެގި ވަގުތު ގިނަކަމުން، ބޯޓު އިންޑިޔާއަށް ޖެއްސިއިރު އަހަންނަށް އަނގަޔަށް ލެވުނީ އެންމެ އެތިކޮޅެކެވެ. ބޯޓުން އެންމެ ލަހުން ފޭބީ އަހަންނެވެ. ބައްޕަގެ ކެތްތެރިކަމާއި މަންމަގެ އޯގާތެރިކަމަށް ޝުކުރު ޙައްޤެވެ.
އިންޑިޔާއަށް ދިޔަ ދުވަހު ހޮސްޕިޓަލަށް ދިޔައީމެވެ. ޑޮކްޓަރާ ބައްދަލުކުރީމެވެ. ބައްޕަ ހުރީ އެ ވަރަށް ތައްޔާރުވެގެންނެވެ. އެ ހޮސްޕިޓަލަކީ، ނަފުސާނީ ބަލިތަކަށް ޚާއްޞަ ތަނެކެވެ. އަހަންނަށް މަރުޙަބާ ކިއީ އަންހެން ޑޮކްޓަރެކެވެ. ޕްރޮފެސަރެކެވެ. އެއްވެސް ޓެސްޓަކާ ނުލައި އަހަރެންގެ ބަލި އޭނަ ލަފާކުރިއެވެ. ޑޮކްޓަރު ބުނީ އަހަރެން ދުވަހަކު ވެސް އަޑުނާހާ ނަމެކެވެ.
ނުނިމޭ